ޚަބަރު

މުޖުތަބާ ޚާމަނަޢީ އީރާނުގެ ޒަޢާމަތުގައި ސާބިތުކަމާއެކު


ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާތަކެއްގައި އީރާންގެ ކުރީގެ އިސް މުރުޝިދު އަވަހާރަކޮށްލައި، އައު މުރުޝިދު އާޔަތުުالله ސައްޔިދު މުޖުތަބާ ޙުސައިނީ އަލް-ޚާމަނާޢީގެ ފުރާނަފުޅަށް އަމާޒުކޮށް މެދުކެނޑުމެއް ނެތް ނުރައްކާތަކެއް ކުރިމަތިކުރުވަމުންދިޔަ ނަމަވެސް، ސާބިތުކަމާއެކު އީރާންގެ ޒަޢާމަތުގައި އޭނާ ދެމިހުންނެވި ކަމުގައި އެމެރިކާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ. ނިއު ޔޯކް ޓައިމްސްގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި ބުނީ، ޔަހޫދީންނާއި އެމެރިކާގެ ޖާސޫސީ ވަސީލަތްތައް ބޭނުންކޮށްގެން އޭނާ އަވަހާރަކޮށްލުމަށް ކުރަމުންދާ މަސައްކަތްތަކަށް ގޮންޖައްސަވައި، ދައުލަތުގެ އެންމެހައި ކަންކަން ސިއްރުވެރި އަދި ވަރުގަދަ އިސްތިރާޖީ ނިޒާމެއްގެ ތެރެއިން ޚާމަނާޢީ ހިންގަވަމުން ގެންދަވާ ކަމުގައެވެ.

ފެބުރުވަރީ 28 ގައި ބައްޕާފުޅު އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދުކޮށްލުމަށް ދިން ނިރުބަވެރި ޙަމަލާތަކުގައި މުޖުތަބާ ޚާމަނަޢީގެ ހަށިކޮޅަށް ވެސް ބޮޑެތި ޒަޚަމުތަކެއް ލިބިވަޑައިގެންނެވި ނަމަވެސް، އޭނާގެ އިރުޝާދުތަކާއި އަމުރުފުޅުތައް މެދުކެނޑުމެއްނެތި ދައުލަތުގެ މުއައްސަސާތަކަށް ލިބެމުންދާ ކަމުގައި ތެހްރާންގެ މަޞްދަރުތަކާ ޙަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. އެނާގެ އެއްވެސް އޯޑިއޯ ނުވަތަ ވީޑިއޯއެއް ޢާންމުކޮށްފައި ނުވަނީ، ދުޝްމަނުންގެ ކުރިމަތީގައި ނާޒުކު ބޭފުޅެއްގެ ގޮތުގައި ފެނިވަޑައިގަންނަވަން ބޭނުންފުޅު ނުވާތީ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޚާމަނާޢީ ހުންނެވި ތަން ހޯދައި، އޭނާ ޝަހީދުކޮށްލުމުގެ ފުރުޞަތު ޔަހޫދީންނަށް ނުދެއްވުމުގެ ގޮތުން، އޭނާގެ އިރުޝާދުތަކާއި އަމުރުފުޅުތައް ދައުލަތުގެ މުއައްސަސާތަކަށް ފޯރުކޮށްދެއްވަމުން ގެންދަވަނީ، އިތުބާރު ކުރެވޭ ބޭފުޅުންގެ ވިއުގައެއްގެ ތެރެއިން ކަމުގައި މަޞްދަރުތަކުން ހާމަކުރިއެވެ. އަދި، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ އިސް ކޮމާންޑަރުން އޭނާއާ ބައްދަލުކުރުމަށް ޒިޔާރަތް ނުކުރަނީ، އެ މީހުންގެ ހަރަކާތްތައް ބަލައި، ޚާމަނާޢީ ހުންނެވި ތަނެއް ހޯދުމަށް ޔަހޫދީން މަސައްކަތް ކުރަމުންދާތީ ކަމުގައި ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ޚާމަނާޢީ މި ވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ހިތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް ކަމުގައިވާ ރައީސް މަސްޢޫދު ޕީޒިޝްކިޔާންއާއި ޞިއްޙީ ވަޒީރުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. ޔަހޫދީންނާއި އެމެރިކާއިން ދިން ނިރުބަވެރި ޙަމަލާތަކުގައި ޚާމަނާޢީއަށް ބޮޑެތި ޒަޚަމުތަކެއް ލިބިފައިވާ ކަމުގައި ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި މޫނުފުޅަށާއި ތުންފަތަށް ލިބުނު އަނިޔާތަކުގެ ސަބަބުން ވާހަކަފުޅު ދެއްކެވުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ފައިންޕުޅުގެ ތިން އޮޕަރޭޝަނެއް ކޮށްފައިވާ ކަމުގައި ރިޕޯޓުގައި ބުނެފައިވެއެވެ. އަދި، މަސްނޫޢީ ފަޔެއް ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާފައިވީ ނަމަވެސް، އޭނާގެ ޙާލަތު ދުވަހުން ދުވަހަށް ރަނގަޅުވަމުންދާ ކަމުގައި ވެސް މަޞްދަރުތަކުން ހާމަކޮށްފައިވެއެވެ.

މި ރިޕޯޓުތަކާ ގުޅިގެން ޚާމަނާޢީ ވަނީ މީސްމީޑިއާގައި މެސެޖެއް ޝާއިޢު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހުޅަނގުގެ މީޑިއާތަކުން އޭނާގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން ފަތުރަމުންދަނީ އީރާންގެ އެއްބައިވަންތަކަން ނަގައިލުމަށް ހިންގާ ދޮގު ޕްރޮޕެގެންޑާއެއް ކަމުގައެވެ. އެމެރިކާއާއެކު އޮތް ނުތަނަވަސްކަމާއި ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ދެބަސްވުންތައް އޮތް މި ދަނޑިވަޅުގައި، މުޖުތަބާ ޚާމަނަޢީ ދައްކަވަމުން ގެންދަވާ ސާބިތުކަމަކީ އީރާންގެ ދިފާޢީ ބާރުގެ ރަމްޒެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެވެ.