އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގެ ހިލްޓަން ހޮޓަލުގައި ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ ޖަމުޢިއްޔާގެ އަހަރީ ފަރީއްކޮޅުގެ ތެރެއިން ސަލާމަތީ ޗެކް ޕޮއިންޓެއް ފޫއަޅުވާލައި، އެމެރިކާގެ ސީކްރެޓް ސަރވިސްގެ އެޖެންޓަކަށް ބަޑިން ޙަމަލާދިން މީހެއްގެ މައްޗަށް، ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުމުގެ ފެޑެރަލް ދަޢުވާ އުފުލައިފި ކަމަށް ކޯޓުން ހާމަކޮށްފިއެވެ.
ކެލިފޯނިއާގެ ޓޮރެންސްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޯލް ތޯމަސް އެލަންގެ މައްޗަށް، ތިން ކުށެއް ހިމެނޭ ޝަކުވާއެއްގެ ދަށުން ހަތިޔާރު އުފުލުމުގެ ދަޢުވާތައް ވެސް ވަނީ އުފުލާފައެވެ.
ނޫސްވެރިންނާއި ސިޔާސީ ބޭފުޅުން ބައިވެރިވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ ޖަމުޢިއްޔާގެ އަހަރީ ފަރީއްކޮޅުގައި ދޭން އުޅުނު ޙަމަލާއެއް ސަލާމަތީ ބާރުތަކުން ހުއްޓުވިތާ ދެ ދުވަސް ފަހުން، ޖަލު ހެދުމެއްގައި އެލަން ވަނީ ހޯމަ ދުވަހު ވޮޝިންޓަންގެ ފެޑެރަލް ކޯޓަށް ފުރަތަމަ ފަހަރަށް ހާޒިރުކޮށްފައެވެ. އޭނާ މަސައްކަތް ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް، ޕްރޮސެކިއުޓަރ ޖޮސެލިން ބެލެންޓައިން ކޯޓުގައި ވިދާޅުވިއެވެ. މި ތުހުމަތުތަކަށް އެލަން އަދި ރަސްމީކޮށް ޖަވާބެއް ދީފައެއް ނުވެއެވެ. އެމެރިކާގެ މާޝަލުންގެ ބެލުމުގެ ދަށުގައި ދިފާޢީ މޭޒު ކައިރީގައި އިނދެ، އެލަން ބުނީ ހުރިހާ ސުވާލަކަށްވެސް ތެދުބަހުން ޖަވާބުދޭނެ ކަމަށާއި، އޭނާ އަކީ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ މީހެއް ކަމަށެވެ.
މައްސަލަ ކުރިއަށްދާއިރު އެލަން ބަންދުގައި ބެހެއްޓުމަށް އެމެރިކާގެ މެޖިސްޓްރޭޓް ފަނޑިޔާރު މެތިއު ޝާބޯ ވަނީ އަމުރުކުރައްވާފައެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް އަންނަ ބުރާސްފަތި ދުވަހަށް އިތުރު އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ.
މިއީ، 2024 ވަނަ އަހަރު ޕެންސިލްވޭނިޔާގެ ބަޓްލަރގައި ޓްރަމްޕްގެ ކަންފަތްޕުޅަށް އަނިޔާވި ހަމަލާއާއި، ފްލޮރިޑާގެ ގޮލްފް ކްލަބުގައި އޭނާ އަވަހާރަކޮށްލަން އުޅުނު ހާދިސާއަށްފަހު ދީފައިވާ މި ފަދަ ތިންވަނަ ހަމަލާއެވެ. އަދު މީގެ އިތިރުން، މި ހާދިސާ ހިނގި ހިލްޓަން ހޮޓަލަކީ 1981 ވަނަ އަހަރު ކުރީގެ ރައީސް ރޮނަލްޑް ރޭގަން އަވަހާރަކޮށްލުމަށް ވެސް ބަޑީގެ ހަމަލާތަކެއް ދީފައިވާ ތާރީޚީ ހޮޓަލެއް ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.