ޚަބަރު

ހަނގުރާމާގައި އީރާނުން ދައްކަމުންދާ ހިތްވަރަށް ޕުޓިންގެ ތަޢުރީފު


ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގައި، މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި އީރާނުގެ ރައްޔިތުން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތާއި ދައްކަމުންދާ ސާބިތުކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ތަޢުރީފުކުރައްވައިފިއެވެ. ސެއިންޓް ޕީޓަރސްބަރގުގައި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ ހުޅަނގު އޭޝިޔާގައި އެމެރިކާއިން އުފައްދާފައިވާ ނުތަނަވަސްކަން ޙައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މޮސްކޯއިން ތައްތާރަށް އޮތް ކަން ތަކުރާރު ކުރައްވާފައެވެ. މި ގޮތުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިޔަމް ރަޝިޔާގައި ރައްކާކޮށްދިނުމަށް މޮސްކޯއިން ކުރިން ހުށަހަޅާފައިވީ ނަމަވެސް ވޮޝިންގްޓަނުން ވަނީ އެ ކަމަށް އިންކާރުކޮށްފައެވެ.

އީރާންގެ އައު އިސް މުރުޝިދު އާޔަތުުالله ސައްޔިދު މުޖުތަބާ ޙުސައިނީ އަލް-ޚާމަނާޢީގެ މެސެޖެއް ދާދިފަހުން ލިބިވަޑައިގަންނަވާފައިވާ ކަން ފާހަގަކުރައްވައި ޕުޓިން ވިދާޅުވީ މޮސްކޯއާއި ތެހްރާނާ ދެމެދު ހުސްވި އަހަރު އަމަލުކުރަން ފެށި 20 އަހަރު ދުވަހުގެ އިސްތިރާޖީ ގުޅުންތަކާ ބެހޭ އެއްބަސްވުން ދެމެހެއްޓުމުގައި ރަޝިޔާއިން އިޚުލާސްތެރިކަމާއެކު ދެމިއޮންނާނެ ކަމުގައެވެ. މި ގުޅުމުގެ ދަށުން އީރާންގެ ބޫޝެހްރުގައި ނިއުކްލިޔަރ ޕުރޮގުރާމު ތަރައްޤީކުރުމުގައި މޮސްކޯއިން ބައިވެރިވަމުންދާއިރު، ތެހްރާނުން ވަނީ 'ޝާހިދު' މަރުކާގެ އަސްކަރީ ޑްރޯން އުފެއްދުމުގެ ޤާބިލުކަން ރަޝިޔާގައި ޤާއިމުކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. ޕުޓިންއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޢަރާޤިޖީ ވަނީ، މި ދަތި ދަނޑިވަޅުތަކުގައި ރަޝިޔާ ފަދަ ވަފާތެރި އެކުވެރިން ތިބިކަން މިއަދު ސާބިތުވެއްޖެ ކަމުގައި ވިދާޅުވެ ޕުޓިންއަށް ޝުކުރު އަދާކުރައްވާފައެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް، އެމެރިކާ އާއި އީރާނުގެ ޚިޔާލުތަފާތުވުންތައް ޙައްލުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމުގައި އިސްލާމްއާބާދުން ވަނީ ހާމަކޮށްފައެވެ. ކްރެމްލިންގެ ތަރުޖަމާނު ދްމީތުރީ ޕިސްކޯފް ވިދާޅުވީ، ވަގުތީ ގޮތުން މެދުކަނޑައިލާފައި އޮތް ޙަމަލާތައް އަލުން ފެށުމަކީ އެއްވެސް ފަރާތެއްގެ މަސްލަޙަތު އޮތް ކަމެއް ނޫން ކަމުގައެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ދިއުމަކީ މޮސްކޯއިން ބޭނުންވާ ގޮތް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުގެ މަސްލަޙަތާއި ސަރަޙައްދީ ހަމަޖެހުމަށް ޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް މޮސްކޯއިން ތައްޔާރަށް އޮތް ކަމުގައި ވެސް ޕުޓިން ޢަރާޤިޖީގެ އަރިހުގައި ދެންނެވިއެވެ.