ޚަބަރު

ޕީއެންސީގެ ޓިކެޓް ސައީދަށް ދޭން ނިންމައިފި


  • މިގޮތަށް ނިންމީ ސިނާން ވާދަނުކުރަން ނިންމެވުމުން

  • ސަޢީދަށް ޓިކެޓް ދޭން ނިންމީ އިތުރު ޕްރައިމަރީއެއް ބާއްވާނެ ވަގުތު ނެތުމުން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ ތަމްސީލްކުރެއްވުމަށް ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދަށް ޓިކެޓު ދިނުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެ ޕާޓީން މިގޮތަށް ނިންމީ ޕްރައިމަރީގައި ވާދަކޮށް ޓިކެޓް ކާމިޔާބުކުރެއްވި ހިތަދޫ އުތުުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ނިންމަވާފައިވާކަން އިއުލާންކުރެއްވުމާ ގުޅިގެންނެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ސިނާން ޓިކެޓް ދޫކޮށްލައްވަން ނިންމެވުމާ ގުޅިގެން ޕްރައިމަރީގައި ސިނާނާ ވާދަކުރެއްވި އަހްމަދު ސަޢީދަށް ޓިކެޓް ދިނުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ބައި-އިލެކްޝަނަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ މުއްދަތު ކައިރިވެފައިވާތީ އިތުރު ޕްރައިމަރީއެއް ބާއްވަން ވަގުތު ނެތުމުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އޭނާއަށް ލިބުނު ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށް ޝުކުރުދަންނަވާކަމަށެވެ. ނަމަވެސް މިދިޔަ 3 ދުވަހު އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން މަސައްކަތްކުރެއްވި ކަމަށާއި އެ މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕީއެންސީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އަޅުގަނޑު ފަހަތަށްޖެހި އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނަ ކަމަށް ވިދާޅުވިއެވެ.

އެހެންވެ އެގޮތަށް ނިންމަވައި އަންނަ ޖޫން މަހު ބާއްވާ ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމެވީ ކަމަށް ސިނާން ވިދާޅުވިއެވެ. އަދި މިގޮތަށް ނިންމެވި ނަމަވެސް ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެންޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އޭނާގެ ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށްވެސް ސިނާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކުގައެވެ.