ޚަބަރު

ހޫނު މޫސުމުގެ ދަތުރުފަތުރަށް ބޮޑު ބުރުލެއް އަރާނެކަމުގެ ބިރު


ހޫނު މޫސުމާ ދިމާކޮށް، ދުނިޔޭގެ ގިނަ އެއާލައިންތަކުން ވައިގެ އުދުހުންތަކުގެ ތާވަލަށް ބަދަލު ގެނެސް، ވައިގެ އުދުހުންތައް މަދުކުރުމުގެ ފުރުޞަތު ބޮޑުކަމަށް ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރާބެހޭ ޖަމްޢިއްޔާ (އަޔާޓާ)ގެ އެންމެ އިސް ވެރިޔާ ވިލީ ވޯޝް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ހޫނު މޫސުމުގައި ވައިގެ ދަތުރުފަތުރަށް އޮންނަ ޑިމާންޑު އިތުރުވުމާއެކު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މަތިންދާބޯޓުތަކަށް އަޅާ ތެލުގެ ދަތިކަމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ އޭޝިއާގެ ޤައުމުތަކަށް ކަމަށެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދިމާވި ޙާލަތާ ޚިލާފަށް، ވައިގެ ދަތުރުފަތުރު އެކީގައި ހުއްޓޭނެކަމަކަށް އޭނާ ޤަބޫލެއް ނުކުރައްވައެވެ.

އެ ޖަމްޢިއްޔާގެ އެންމެ އިސް ވެރިޔާ ވިލީ ވޯޝް ވިދާޅުވި ގޮތުގައި، އޭޝިއާއަށް ފަހު މި ދަތިކަމުގެ އަސަރު ވިލާތު، އެފްރިކާ އަދި ލެޓިން އެމެރިކާއަށް ފެތުރޭނެއެވެ. އަދި މަތިންދާބޯޓުތަކަށް އަޅާ ތެޔޮ ފޯރުކޮށްދިނުން އިޤްތިޞާދު ނުކުރާނަމަ، ގިނަ އަދަދެއްގެ ވައިގެ އުދުހުންތައް ކެންސަލްކުރަންޖެހޭނެކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

ވިލާތުގެ ބައްރުގައި، މަތިންދާބޯޓުތަކަށް އަޅާ ތެލުގެ ބާވަތެއް ކަމަށްވާ، ޖެޓް އޭ ފިއުލް ބޭނުންކުރުމުގެ ޙުއްދަ ކަމާގުޅޭ އިދާރާތަކުން އަވަސް ފުރުޞަތެއްގައި ދީފިނަމަ، މިހާރު ކުރިމަތިވެފައިވާ ތެލުގެ ސަޕްލައިގެ ތާށިކަމަށް ލުޔެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ފެބުރުވަރީ 28 ވަނަ ދުވަހު ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާއެކު، ރައްދުގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިއަށް ވަނީ ފަހުގެ ތާރީޚެއްގައި ނުފެންނަ ވަރުގެ ބޮޑު ލޮޅުމެއް އަރައިފައެވެ. މިގޮތުން، މަތިންދާބޯޓުތަކަށް އަޅާ ތެޔޮ ފީފާއެއްގެ އަގު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ 179 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.