ކޮންމެ ހަފުތާއެއްގައިވެސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ޚާއްސަ ޕްރޮގްރާމެއް ފައްޓަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވައި ތަރުޖަމާނު ވިދާޅުވީ މާލޭގައި ހުންނަވާ ކޮންމެ ހަފުތާއެއްގައި ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން ނޫސްވެރިން މަސައްކަތް ކުރަމުންދާ ޚަބަރުތަކަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. މީގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ތިބޭފުޅުން ފައިލް ކުރަމުންދާ ސްޓޯރީތަކަށް ސަރުކާރުގެ ރައުޔެއް، ނުވަތަ މައުލޫމާތެއްވިޔަސް ނުވަތަ ސްޓެޓިސްޓިކެއްވިޔަސް ނޫނިއްޔާ އަޅުގަނޑުގެ ސައުންޑް ބައިޓެއް ބޭނުންވިޔަސް އަޅުގަނޑު މިއުންމީދުކުރަނީ ތިބޭފުޅުންގެ މަސައްކަތަށް މި ބައްދަލުވުން ވެގެންދާނީ ފަސޭހައަކަށޭ،" ތަރުޖަމާނު ވިދާޅުވިއެވެ.
މި ބައްދަލުވުން 55 މިނެޓަށް ކުރިއަށްދާއިރު ވީހާވެސް ގިނަ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ އެ މައުލޫމާތުވެސް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ތަރުޖަމާނު ދެއްވިއެވެ.
ތަރުޖަމާނު ވިދާޅުވީ ސަރުކާރުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް "ޕްރެސަރ" ގެ އަޑާއި މަންޒަރު އަދި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ އަދާހަމަ އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރައްވާނެ ކަމަށެވެ. އެގޮތުން، "ދަފީޑް.އެމްވީ" ގެ ނަމުގައި އިންސްތަގްރަމް އަދި ޓިކްޓޮކް އެކައުންޓް ވަނީ ތަޢާރަފުކުރައްވާފައެވެ.