ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް، މ. ފައިޒާ، މުޙައްމަދު ނިޒާރު ޢައްޔަންކުރައްވައިފިއެވެ.
މިމަޤާމަށް ނިޒާރު ޢައްޔަންކޮށްފައިވަނީ ޕީ.ސީ.ބީގެ ރައީސް މަޤާމުގައި ހުންނެވި ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.
މުޙައްމަދު ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މުޙައްމަދު ނިޒާރަކީ މިހާރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ރައީސެވެ.
މުޙައްމަދު ނިޒާރަކީ ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެކެވެ.
މީގެ ކުރިން 2014 އިން 2019 އަށްވެސް ނިޒާރު ވަނީ ޕީ.ސީ.ބީ ގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ. އެ މުއްދަތުގައި ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި ނިޒާރުވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމުތައް ހަރުދަނާކޮށް، މަސައްކަތުގެ ހިންގުން ހަލުވިކުރުމުގައި ނިޒާރުގެ އިސްނެންގެވުން ފާހަގަކޮށްލެވެއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ އިމްޕޯޓް، އެޑްމިނިސްޓްރޭޝަން، އައި.ޓީ، އަދި ސޭލްސް ފަދަ މުހިންމު ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް އެގްޒެކެޓިވް މަޤާމުތައް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. އެސް.ޓީ.އޯ ގައި އުޅުއްވި މުއްދަތުގައި އީ.އާރް.ޕީ ނިޒާމު ޤާއިމުކުރުމާއި، ސަޕްލައި ޗެއިން ހަރުދަނާކުރުމާއި، ބައިނަލްއަޤުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން ފަދަ އިސްތިރާޖީ މުހިންމު މަޝްރޫޢުތަކުގައި ނިޒާރު ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރުން، ރިސްކް މެނޭޖްމަންޓް، ޕްރޮކިއުމަންޓް، އަދި ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ޤައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައިވެސް ނިޒާރު ވަނީ ޢަމަލީގޮތުން މަސައްކަތް ކުރައްވާފައެވެ.
މުޙައްމަދު ނިޒާރަކީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) އަދި ގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ކޯޕަރޭޓް ގަވަރނަންސް އާއި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަޤުވާމީ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި މަތީ ފަންތީގެ ފޯރަމްތަކުގައި ނިޒާރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.