ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިރާނުގެ މެޗުތައް ކުޅޭނީ އެމެރިކާގައި ކަމަށް ފީފާއިން ޔަގީންކަން ދީދި އެވެ.
ކެނެޑާގެ ވެންކޫވާގައި 76 ވަނަ ފީފާ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެ ޖަމާއަތުގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އިރާނުން ވޯލްޑް ކަޕުގައި ކުޅެން އެމެރިކާ އަށް ދާނެ ކަމަށެވެ.
"މިކަމާ ނުކުޅޭ ކަމަކުން އަހަރެން ފަށަން ފުރުސަތަކަށް އެދެން. އަހަރެން ޔަގީންކަން ދެން ވޯލްޑް ކަޕުގައި އިރާން ކުޅޭނެކަން. އަދި އިރާނުން ވޯލްޑް ކަޕުގައި ކުޅޭނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި،" ފީފާގެ ރައީސް ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވިއިރު ކެނެޑާއިން ވަނީ ކޮންގްރެސް އަށް ވަޑައިގަތް އީރާނުގެ ބައެއް އޮފިޝަލުންނަށް އެ ގައުމަށް އެތެރެވިޔަ ނުދީފަ އެވެ. އެއީ ވިސާ ދިނުމަށްފަހު ވިސާ ކެންސަލް ކޮށްގެންނެވެ. މީގެ ތެރޭގައި އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް ހިމެނެ އެވެ.
އިރާނުން އެމެރިކާ އަށް ކުޅެން ދާން ތައްޔާރުވާން ފެށީ އެ ގައުމާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދީ ފެށި ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލިފަހުންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެންނެވެ.