ޚަބަރު

ޝަޚްތާރު އަތުން ޕެލަސްއަށް ފަސޭހަ މޮޅެއް


ޔޫއެފާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޝަޚްތާރު ޑޮނެސްކާއި ދެކޮޅަށް ކްރިސްޓަލް ޕެލަސް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ޕެލަސް ކާމިޔާބުކޮށްފި އެވެ.

ޝަޚްތާރް އަކީ ޔޫކްރޭންގެ ކްލަބެއް ނަމަވެސް އެ ގައުމުގައި މިހާރު ހިނގަމުންދާ ދާޚިލާ ހަނގުރާމައިގެ ސަބަބުން މި މެޗު ކުޅެފައިވަނީ ޕޮލެންޑްގަ އެވެ.

ކްރިސްޓަލް ޕެލަސް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ފުރަތަމަ މިނިޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. ސެނެގާލްގެ އިސްމައިލާ ސާރ މި މެޗުގެ ކުޅުން ފެށުނުތާ 21 ވަނަ ސިކުންތުގައި ޖެހި މި ލަނޑަކީ ކޮންފަރެންސް ލީގުގެ ތާރީޚުގައިވެސް މިހާތަނަށް ޖެހި އެންމެ އަވަސް ލަނޑެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ޕެލަސް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ޝާޚްތާރުގެ އޮޗެރެޓްކޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ނަމަވެސް އޭގެ 9 މިނިޓު ފަހުން ކްރިސްޓަލް ޕެލަސްގެ ޑައިޗީ ކަމާޑާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ދެވަނަ ފަހަރަށް ޕެލަސް އަށް ކުރި ހޯދަދީފަ އެވެ. ކަޑާމާ މި ލަނޑު ޖެހުމުގެ ކުރިން ޕެލަސްގެ ނުރައްކާތެރި ގިނަ ހަމަލަތަކެއް ޝަޚްތާރުގެ ގޯލުކީޕަރު ޑިމިޓްރޯ ރިޒްނީކް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ޕެލަސްގެ ޖޯގެން ސްޓްރޭންޑް ލާސަން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

މެއި މަހުގެ 7 ވަނަ ދުވަހު ސެމީ ފައިނަލުގެ ދެވަނަ ލެގަށް މި ދެ ޓީމު ނިކުންނައިރު މި ނަތީޖާ އާއިއެކު ޕެލަސް އަށް ވަނީ ހުރިހާ ގޮތަކުންވެސް އެޑްވާންޓޭޖް ބޮޑުވެފަ އެވެ.