ޚަބަރު

ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟


  • އިންތިޚާބުތަކުގައި ޕާޓީތަކުންނާއި އަމިއްލަގޮތުންވެސް ކެންޑިޑޭޓުން ވާދަކުރައްވާ

  • ރައްޔިތުން ނިންމާ ގޮތަކާ ޚިލާފުވެގެން ނުވާނެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ޤާނޫނުއަސާސީއަށް ގެނައި 6ވަނަ އިސްލާހަކީ ސައްޙަ އިސްލާހެއްކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު އަނެއްކާވެސް ބޮޑު ބަހުސެއް މިވަނީ ފެށިފައެވެ. އެއީ ރައްޔިތުން މެންބަރުން އިންތިޚާބުކުރުމުގައި ވޯޓުދެނީ އެ މީހާއަށްތޯ ނުވަތަ އެ މީހާ ވާދަކުރާ ޕާޓީގެ ފިކުރަށްތޯއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެކި ދާއިރާތަކަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ކެންޑިޑޭޓުން ވާދަކުރެއެވެ. މެންބަރުން ގިނަ ޕާޓީތަކުން މި ޓިކެޓް ދެނީ ޕްރައިމަރީ ބޭއްވުމަށްފަހު ޕްރައިމަރީގައި ޕާޓީގެ މެންބަރުން އެންމެ ބޮޑަށް ތާޢީދު ކުރާ ކެންޑިޑޭޓަށެވެ. އެ ކެންޑިޑޭޓުން ކެމްޕޭން ކުރަނީވެސް ޕާޓީގެ ނަމުގައި ނުވަތަ ޕާޓީގެ ސިޔާސަތުތައް ހިފައިގެންނެވެ.

މިއިންތިޚާބުތަކުގައި އަމިއްލަ ގޮތުންވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވައެވެ. "މިނިވަން" ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރައްޔިތުން ގާތަށް ވަޑައިގަންނަވަނީ ޕާޓީގެ ފިކުރެއް އަދި ސިޔާސަތެއްވެސް ހިފައިގެނެއް ނޫނެވެ. އެ ކެންޑިޑޭޓު ވަޑައިގަންނަވަނީ އަމިއްލަ މެނިފެސްޓޯއަކާއެކުއެވެ. ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ޙައްގުގައި ކޮށްދެއްވާނެ ކަންކަން އެކެންޑިޑޭޓް ހާމަކުރައްވައެވެ. ގިނަފަހަރު މި ކެންޑިޑޭޓުންނަކީ ސަރުކާރަށް ނުވަތަ އެއިރެއްގައި އިދިކޮޅުގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ނަމަވެސް އެއްވެސް ޕާޓީއެއް ތަމްސީލުކުރަން ބޭނުންނުވާ ކެންޑިޑޭޓުންނެވެ.

ރައްޔިތުންގެ މަޖިލިސް އެކަންޏެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލައްވާ ބޭފުޅުންނާއި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް ރައްޔިތުން ކައިރިއަށް ވޯޓަށް ދަނީ މި ސިޔާސަތުތަކާއެކުގައެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ އިންތިޚާބުގައި އަބަދުވެސް އިވޭ ވާހަކައަކީ އެ ރަށެއްގެ ރައްޔިތުން ވޯޓުދެނީ އާއިލާ މީހުންނަށް ބަލައިގެން ކަމަށެވެ. އާއިލާ ބޮޑުވެފައި މީހާގެ ގުޅުން ރައްޔިތުންނާ ރަނގަޅުނަމަ، އެ މީހާ ވާދަކުރާ ޕާޓީއެއް ބެލުމެއްނެތި އޭނާއަށް ރައްޔިތުން ވޯޓުދެއެވެ. އެހެންކަމުން މިހާލަތުގައި އެ ކެންޑިޑޭޓަށް ރައްޔިތުން ވޯޓުދެނީ ވަކި ފިކުރަކަށް ނޫން ކަމަށާއި އެ މީހާއަށް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

ނަމަވެސް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތަފާތެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓުދެނީ މުޅި ރާއްޖޭގެ ރައްޔިތުންނެވެ. މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބޮޑުބައެއް އެ ކެންޑިޑޭޓުގެ އާއިލާއަށް ނުވަތަ ރަހުމަތްތެރިންނަށް ނުވާނެއެވެ. މަޖިލިސް އިންތިޚާބުގައި ވޯޓުދެނީ ދާއިރާތަކުންނެވެ. އެއީ 5000 މީހުންގެ އާބާދީއެކެވެ. އެހެންކަމުން އެ އެންމެނަކީ އެ ކެންޑިޑޭޓުގެ އާއިލާ އަދި ރަހުމަތްތެރިންނަށް ވުމަކީ ނާދިރު ކަމެކެވެ.

މިހާތަނަށް ރިޔާސީ އިންތިޚާބުތަކުގައި އަމިއްލަގޮތުން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރުމާ ކައިރިވެސް ނުކުރެވެއެވެ. ކޮންމެ އިންތިޚާބެއްގައިވެސް މޮޅު ހޯދަނީ ކޮންމެވެސް ސިޔާސީ ޕާޓީއެކެވެ. ރާއްޖޭގައި މިވަގުތު އޮތީ މައިގަނޑު ދެ ފިކުރެއް ދެ ފިކުރެއްގެ ކެންޑިޑޭޓުންނެވެ. އެހެންކަމުން، ރައްޔިތުން ރިޔާސީ އިންތިޚާބުގައި ވޯޓުދެނީ ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރަށްކަން ހާމަވެއެވެ.

މަޖިލިސް އިންތިޚާބުތަކުގައި އެކި ދާއިރާތަކުން އެކި ފިކުރުތަކުގެ ކެންޑިޑޭޓުން ކާމިޔާބު ހޯދައެވެ. ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންވެސް މި އިންތިޚާބުތަކުގައި ވާދަކޮށް މޮޅު ހޯދައެވެ. ނަމަވެސް ގިނަ ދާއިރާތަކުގެ އިންތިޚާބު ކާމިޔާބުކުރަނީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓެކެވެ.

އެންމެފަހުން ބޭއްވި މަޖިލީހުގެ ދެ އިންތިޚާބަށް ބެލި ނަމަވެސް ގިނަ ދާއިރާތަކުގެ ރައްޔިތުންގެ ވިސްނުން ވަރަށް ސާފެވެ. އެ ރައްޔިތުން މެންބަރުން އިންތިޚާބުކުރުމުގައި ބަލަނީ އެއިރެއްގައި ވެރިކަމުގައި އޮތް ޕާޓީއަކަށެވެ. އެއީ އެ ދާއިރާއަކަށް ކޮށްދޭންޖެހޭ ކަންކަން ކުރުމުގައި ސަރުކާރަށް މަޖިލީހުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ލިބޭނީ ސަރުކާރު ތަމްސީލުކުރާ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓުދީގެންކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާތީއެވެ.

ކޮންމެ ގޮތަކަށް ނިންމިނަމަވެސް މިއީ ރައްޔިތުންގެ ނިންމުމެވެ. އެކި ދާއިރާތަކަށް ސިޔާސީ ޕާޓީތަކާއެކު މިނިވަން ކެންޑިޑޭޓުންވެސް ވާދަކުރާއިރު ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓު ރައްޔިތުން ޚިޔާރު ކުރަނީ އެ ޕާޓީއެއްގެ މެނިފެސްޓޯއާއި ފިކުރު އެ ރައްޔިތުންނަށް ގަބޫލުކުރެވޭތީ ކަމާމެދު ޝައްކެއްނެތެވެ. މިނިވަން ކެންޑިޑޭޓުން ޚިޔާރުކުރާނީ ރައްޔިތުންގެ ކަންކަމުގައި އެއްވެސް ފިކުރަކަށް ބެލުމެއްނެތި މަސައްކަތްކުރުމަށެވެ.

ރައްޔިތުން އިންތިޚާބުގައި ވަކިގޮތަކަށް ނިންމި ނަމަވެސް މަޖިލީހުގައި މެންބަރުން ޕާޓީ ބަދަލުކުރުމާއި މިނިވަން ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކާ ގުޅުމަކީ އެ ދާއިރާތަކުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ޤާނޫނުއަސާސީއަށް 6ވަނަ އިސްލާހު ގެނެސްފައިވަނީ އެކަން ކުރުން ހުއްޓުވުމަށެވެ. ސުޕްރީމް ކޯޓުގައި ގިނަ ފަނޑިޔާރުންގެ އަޢުލަބިއްޔަތު ލިބިވަޑައިގެންނެވި ރަޢުޔުގައިވެސް ފާހަގަކުރައްވާފައިވަނީ މިކަމެވެ. ރައްޔިތުން ވަކިގޮތަކަށް ނިންމަވާފައިވަނިކޮށް އެކަން ބަދަލުކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބިގެންނުވާނެ ކަމަށެވެ.

ޤާނޫނުއަސާސީއަށް ގެނައި އިސްލާހުން ޕާޓީ ބަދަލުކުރުމުން ނުވަތަ މިނިވަން މެންބަރަކު ޕާޓީއަކަށް ސޮއިކުރުމުން އޭނާގެ ގޮނޑި ގެއްލޭނެކަމަށް ބަޔާންކޮށްފައިވާއިރު ރައްޔިތުން އެ މީހާއަށް ދެވަނަ ފުރުސަތެއް ދޭންބޭނުންވާނަމަ ބައި-އިލެކްޝަނުގައި އެ ކެންޑިޑޭޓަށް އަނެއްކާވެސް ކާމިޔާބުހޯދައިދޭނެއެވެ.