އެމެރިކާއާއި އީރާނާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަދިވެސް ޢަމަލުކުރަމުންދާ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާއިން މިހެން ބުނެފައި މި ވަނީ އީރާނުން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އަށް މިސައިލް އަދި ޑްރޯން ޙަމަލާތަކެއް ދީފައިވާ ކަމަށް އެ ޤައުމުން ބުނެފައި ވަނިކޮށެވެ. އަދި އީރާނާއި އެމެރިކާގެ އުޅަނދުތަކަކަށް ޙަމަލާތަކެއް އަމާޒުވެފައި ވަނިކޮށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުފަހަރު އެ ކަނޑުއޮޅި ހުރަސްކުރުމަށް އެ ޤައުމުގެ ކަނޑުގެ ސިފައިން އެހީތެރިވާނެ ކަމަށް އިޢުލާނުކޮށްފައެވެ. “ޕްރޮޖެކްޓް ފްރީޑޮމް”ގެ ނަމުން ނަން ދީފައިވާ މި އަސްކަރީ އޮޕަރޭޝަންގެ ދަށުން އީރާނުގެ ހަ ބޯޓަކަށް ޙަމަލާދީ ސުންނާފަތިކޮށްލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ އެ އޮޕަރޭޝަންއަކީ ވަގުތީ އޮޕަރޭޝަނެއް ކަމަށެވެ. އަދި ހަތަރު ހަފްތާއަށް ދެމިގެން ގޮސްފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ބާޠިލް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއިން އަލުން ޙަމަލާ ބަދަލުކުރަން ފަށަން ބޭނުން ނުވާ ކަމަށާއި، ޙާލަތު ގާތުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތައް ޤާއިމްކޮށްފައި ހުންނަ ޔޫއޭއީއަށް އީރާނުގެ މިސައިލް އަދި ޑްރޯން ޙަމަލާތަކެއް މެއި މަހުގެ 4ވަނަ ދުވަހު ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ހެގްސެތު އެ މޭރުމުން ވާހަކަދެއްކެވުމުގެ އިރުކޮޅެއް ފަހުން ޔޫއޭއީގެ ދިފާޢީ ވުޒާރާއިން ވަނީ އީރާނުގެ މިސައިލްއާއި ޑްރޯން ޙަމަލާތައް އަދިވެސް އެ ޤައުމަށް އަމާޒުވަމުންދާ ކަމަށް ބުނެފައެވެ.
ޔޫއޭއީ ވަނީ އެ ޤައުމަށް ދީފައިވާ ޙަމަލާތައް ކުށްވެރިކޮށްފައެވެ. އަދި އެ ޙަމަލާތަކަށް ރައްދު ދިނުމުގެ ހައްޤު އެ ޤައުމަށް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް ޔޫއޭއީގެ ވާހަކަތަކަށް އީރާނުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. އީރާނުގެ ބައެއް އިސް ބޭފުޅުން ވަނީ ނުތަނަވަސްކަން އިތުރުވާ ވަރަކަށް ކަނޑުމަގުން މުދާ އުފުލާ މައި މަގުތަކަށް އޭގެ އަސަރުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.