ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި


  • ލަންކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވި

  • ރާއްޖެ-ލަންކާ ބިޒްނަސް ފޯރަމް ވަނީ ކުރިއަށްގެންގޮސްފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މިދަތުރުފުޅަކީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެގެ ދަޢުވަތަކަށް އެމަނިކުފާނުގެ ދެކަނބަލުން ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ އާދީއްތަ ދުވަހު ލަންކާއަށް ވަޑައިގެންނެވުމުން އެ ޤައުމުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރަސްމީކޮށް އެ ޤައުމުގެ ރައީސް އަނޫރަ ކުމާރަ ޑިސާނަޔަކެ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ ހޯމަ ދުވަހު ލަންކާގެ ރައީސްގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި ލަންކާގެ ރައީސް ވަނީ ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު ދެ ޤައުމުގެ ރައީސުން ވަނީ ދެޤައުމުގެ ގުޅިފައިވާ ބަޔާން އިއްވަވާފައެވެ.

ރަސްމީ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ދެމެދުގައި 7 ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ އާއި އަރުޝީފުކުރުމުގެ ދާއިރާ އާއި ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމާއި ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވާރުން ތަމްރީނު ކުރުމާއި ފަންނީ ތަރައްޤީއާއި ދިފާޢީ ގުޅުން ބަދަހިކުރުމުގެ އިތުރުން ތަޢުލީމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ވަނީ ބަދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ލަންކާގެ ރައީސް ވަނީ ސްރީލަންކާއަށް ޚާއްޞަ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ ''ހޯސްފީލްޑިއާ އިރީއޫގެޑީ'' އިންދަވާފައެވެ.

ރަސްމީ މަޝްވަރާތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާ ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން، ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޑރ. ޖަގަތު ވިކްރަމަރަތްނަ އެމް.ޕީ އަދި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު، ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، ވަނީ ރަސްމީ ޖާފަތެއްވެސް ދެއްވާފައެވެ. މި ރަސްމީ ޖާފަތުގައި ދެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ރަސްމީކޮށް ވަނީ ފަށްޓަވައިދެއްވާފައެވެ. އަދި މިފްކޯގެ މަހުގެ އުފެއްދުންތައްވެސް ލަންކާއަށް ވަނީ ތަޢާރަފުކޮށްފައެވެ.

މިދަތުރުފުޅުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓާ ވިޔަފާރީގެ ފުރުޞަތުތަކުގެ މަޢުލޫމާތު ބޭރުގެ ފަރާތްތަކަށް ދިނުމަށް ކުރިއަށްގެންދާ "ބިޒްނަސް ފޯރަމް"ވެސް ލަންކާގައިވަނީ ކުރިއަށްގެންގޮސްފައެވެ. މިފޯރަމްގައި ދިވެހި އިންވެސްޓަރުންނާއި ސްރީލަންކާގެ އިންވެސްޓަރުން ހިމެނޭހެން 300އެއްހާ މީހުން ބައިވެރިވިއެވެ.