ޚަބަރު

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލަނީ


  • ބައިވެރިވާން ހުޅުވާލާނީ އަންނަ ހަފްތާގައި

  • މުބާރާތް ކުރިއަށްދާނީ މުޅި ރާއްޖެ ހަތަރު ރީޖަންއަކަށް ބަހާލައިގެން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ފުރަތަމަ ފުޓްސަލް ލީގުގައި ބައިވެރިވާން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވީ، ފުރަތަމަ ފަހަރަށް ބާއްވާ އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށެވެ.

މުބާރާތް ކުރިއަށްދާނީ، މުޅި ރާއްޖެ ހަތަރު ރީޖަންއަކަށް ބަހާލައިގެންކަމަށާއި، މި ފޯމެޓަށް މުބާރާތް ކުރިއަށް ގެންދިއުމުން، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އޮތް ކޮންމެ ރަށަކުން ވެސް ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހުނަރު ދައްކައިދީ، ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ތަރިންތަކަކަށް ވުމުގެ ފުރުސަތު ފަހިވެގެންދާނެކަން ޠާރިޤް ފާހަގަކުރެއްވިއެވެ.

އެފްއޭއެމްގެ ރައީސް ޠާރިޤް އިތުރަށް ވިދާޅުވީ، މިގޮތަށް މި މުބާރާތް ކުރިއަށް ގެންދިއުމުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކުޅުންތެރިއަކަށް ވެސް ޤައުމީ ފުޓްސަލް ޓީމަށް އެރުމަށް ފުރުސަތު ފަހިވެ، ސާފް ފުޓްސަލް މުބާރާތުގައި ގައުމު ތަމްސީލުކޮށް، އަނެއްކާވެސް ޗެމްޕިއަނުންނަށް ވުމަށް ޓީމުގައި ހިމެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެފްއޭއެމް އިން ބުނީ، މުޅި މުބާރާތް ވެސް ކުރިއަށްދާނީ ރީޖަނަލް ލީގު ކުރިއަށްދާ ގޮތަށް ކަމަށެވެ. އެހެންކަމުން ހަތަރު ރީޖަންގެ ގަދަ ޓީމުތައް، ދިވެހި ލީގެކޭ އެއްގޮތަށް، ހުރިހާ ރީޖަން އެއްގެ އެންމެ ވަރުގަދަ ޓީމުތަކުގެ މެދުގައި ކުޅޭ މުބާރާތެއްގައި ވެސް ކުޅޭނެއެވެ.

އެފްއޭއެމް އިން ފުޓުބޯޅައިގެ ބޭނުމަށް ރާއްޖެ ބަހާލީ، މާލޭ ލީގާއި ނޯތު ލީގު، ސެންޓްރަލް ލީގު އަދި ސައުތު ލީގަށެވެ.

އަތޮޅުތައް ހިމެނޭ ތިން ލީގުގައި އެކި ޒޯންތައް ވެސް ވަނީ ކަނޑައަޅާފައެވެ.

ކޮންމެ ލީގެއްގައި ހިމެނޭ ޒޯންތަކުގައި އެޓޯލް ޗެމްޕިއަންޝިޕްގެ ނަމުގައި މުބާރާތެއް ކުޅޭނެ އެވެ. ކޮންމެ ޒޯނަކުން ރީޖަނަލް ލީގަށް ކޮލިފައި ވަނީ އެ ޒޯނެއްގެ ޗެމްޕިއަނުންނާއި ރަނައަޕެވެ. އެހެންކަމުން އަތޮޅުތައް ހިމެނޭ ތިން ލީގުގައި ވާދަކުރާނީ ކޮންމެ ލީގެއްގައި ވެސް ޖުމްލަ ހަތަރު ޓީމެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ މާރިޗު މަހުގެ ކުރީކޮޅު ބޭއްވި އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސް ނިންމާލުމަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ، މީގެކުރިން ފުޓްސަލް އަކީ ސީދާ އެފްއޭއެމްގެ ބެލުމުގެ ދަށުން ކުރިއަށްދާ މުބާރާތަކަށް ނުވާތީ މި ކުޅިވަރު ކުރިއަރުވަން ދިމާވާ ދަތިތަކެއް ހުރި ކަމަށެވެ.

އެހެންނަމަވެސް މިހާރު ސީދާ އެފްއޭއެމް އިން އެ ކުޅިވަރާ ހަވާލުވެފައި ވުމުން، އެ ކުޅިވަރު ކުރިއެރުވުމަށް ވެސް އެފްއޭއެމް އިން ބުރަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ޠާރިޤް އިތުރަށް ވިދާޅުވީ، ޤައުމީ ފުޓްސަލް މުބާރާތަކާއި ފުޓްސަލް ލީގެއް ކުޅެން މި އަހަރުގެ ކަލަންޑަރުގައި ހިމަނައިގެން ބަޖެޓު ވެސް ފާސްކޮށްފައިވާ ކަމަށެވެ.

ރަސްމީ ސިފައެއްގައި ރާއްޖޭގައި ފުޓްސަލް ކުޅެން ފެށިތާ 20 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، އެފްއޭއެމްގެ ހިންގުމާ ޠާރިޤް ހަވާލުވެވަޑައިގެންނެވުމާ ހަމައަށް ވެސް ފުޓްސަލްގެ ކަންކަން ކުރިއަށް ދިޔައީ އެފްއޭގެ ބެލުމުގެ ދަށުންނެއް ނޫނެވެ.

އެހެންނަމަވެސް އައު ޒައާމަތާއެކު ފުޓްސަލްއަށް ވެސް ދޭންޖެހޭ މަގާމު ހޯދައިދިނުމަށް ކުރި މަސައްކަތާއެކު، ފުރަތަމަ ފަހަރަށް އެފްއޭގެ ބެލުމުގެ ދަށުން، ރާއްޖޭގެ ފުރަތަމަ ރަސްމީ ޤައުމީ ފުޓްސަލް ޓީމު އެކުލަވާލައި، މި އަހަރު ޖެނުއަރީ މަހުގައި އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވަނީ ވާދަކޮށްފައެވެ.

އެފްއޭއެމްއާއި ސަރުކާރުން ކުރި މަސައްކަތުން ޤައުމީ ފުޓްސަލް ޓީމު މި މުބާރާތަށް ފުރީ، އޭގެކުރިން މަސް ދުވަހު ޗައިނާގައި ތަމްރީނު ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގެ ފުޓްސަލްގެ ޤައުމީ ޓީމަށް ބިދޭސީ ކޯޗަކު އައްޔަންކުރީ ވެސް މި ޒައާމަތުގެ ތެރެއިންނެވެ.

މި ކަންކަމުގެ އެހީގައި، ތައިލެންޑުގައި ކުރިއަށްދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން އުފުލާލީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާއެކުގައި ކަން ފާހަގަކޮށްލެވެއެވެ.