ޚަބަރު

ދިފާޢި ދާއިރާއިން އެއްބާރުލުން އިތުރުކުރަން އޮސްޓްރޭލިއާއާއެކު މަޝްވަރާކޮށްފި


  • އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ދިފާޢީ ވަޒީރާއި ބައްދަލުކުރައްވާފައި

  • އޮސްޓްރޭލިއާއިން މީގެ ކުރިން ވަނީ ރާއްޖެއަށް ޕެޓްރޯލް ބޯޓެއް ހަދިޔާކޮށްފައި

ދިފާޢީ ދައިރާއިން މީހުން ބިނާކުރުމާއި ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުވުމުގައި ދިފާޢީ ދައިރާއިން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާއި މެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. ދިފާޢީ ވުޒާރާއިން ވިދާޅުވީ މަޝްވަރާތަކުގައި އިސްކަން ދީފައިވަނީ، ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ސަރަހައްދު ހަމަޖެހުން ޤާއިމްކުރުމަށް ކަމަށެވެ.

މި ބައްދަލުވުމުގައި ދިފާޢީ ވަޒީރު ހަސަން ރަޝީދުވަނީ، ވަނީ އޮސްޓްރޭލިއާއިން ރާއްޖޭގެ ދިފާޢީ ދައިރާ ހަރުދަނާ ކުރުމަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަކޮށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ސަލާމަތާއި ގުޅޭ ކަންކަމަށް އިޖާބަދިނުމަށް މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ.

އޮސްޓްރޭލިއާއަކީ ރާއްޖޭއަށް ގިނަ އެހީތަކެއް ފޯރުކޮށްދޭ ޤައުމެކެވެ. މީގެ ތެރޭގައި ދިފާޢީ ދައިރާއިން ގިނަ އެހީތައް ފޯރުކޮށްދޭއިރު އެންމެ ފަހުން، އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ސިފައިންނަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓަކީ އެގޮތުން ފާހަގަކޮށްލެވޭ ބޯޓެކެވެ. މިއީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން ހޯއްދެވި ބޯޓެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.