ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، ގިނަ އުމުރުފުރާތަކަކުން 210 ބައިވެރިންނާއެކު، ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިއަދު ފެށިއްޖެއެވެ.
"ޕީއެސްއެމް ނިއުސް"އަށް މައުލޫމާތުދެއްވަމުން ބެޑްމިންޓަން އެސޯސިއޭޝަނުން ވިދާޅުވީ، ޖުމްލަ 6 އުމުރުފުރާއެއްގެ ބައިވެރީން މިއަހަރުގެ މުބާރާތުގައި ވާދަކުރާނެ ކަމަށެވެ.
މި އުމުރުފުރާތަކަކީ 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. މީގެ އިތުރުން، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގައި ބައިވެރިވާ ކުޅުންތެރިންނަށް، މުބާރާތުގެ އޯޕަން ކެޓެގަރީގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެއްވައެވެ.
މިކަމުގެ މަގުސަދެއްގެ ގޮތުގައި އެސޯސިއޭޝަނުން ފާހަގަކުރައްވަނީ، ޑިވެލޮޕްވަމުން އަންނަ އުމުރުފުރާގެ ކުޅުންތެރިންނަށް ސީނިއަރ ލެވަލްގެ އެތުލީޓުންނާ ވާދަކުރުމުގެ ތަޖުރިބާ ލިބުމެވެ. މިކަން ހާސިލުވުމަށް އެކުދިންނަށް ލިބެނީ ވަރަށް މަދު ފުރުސަތުތަކެއްކަން އެސޯސިއޭޝަނުން ފާހަގަކުރައްވައެވެ.
މީގެ އިތުރުން، އަންނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާނެ ރަނގަޅު ސްކޮޑެއް އެކުލަވާލުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްގެ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަނުން މިކަން ފާހަގަކުރައްވައެވެ.
ސްކޫލްތަކުގެ ޓެސްޓު ދުވަސްވަރާ މުބާރާތް ދިމާވުމުގެ ސަބަބުން އަތޮޅުތަކުން ކުޅުންތެރިން ބައިވަރެވާ މިންވަރު ތަންކޮޅެއް މަދު ނަމަވެސް، އޭދަފުށި، ނައިފަރު އަދި އައްޑޫއިން މި މުބާރާތުގައި ކުޅުންތެރިން ބައިވެރިވާކަން އެސޯސިއޭޝަނުން ފާހަގަކުރައްވައެވެ.
މުބާރާތް ކުރިއަށްދާނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.