ޚަބަރު

އެމެރިކާގައި ޕެޓްރޯލްގެ އަގު %50 އުފުލިއްޖެ


މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން، ދުނިޔޭގެ ތެލުގެ ސަޕްލައިއަށް އައި ލޮޅުންތަކާއެކު، އެމެރިކާގައި ޕެޓްރޯލް ގެލަނެއްގެ އަގު 50 އިންސައްތައިން އުފުލިއްޖެއެވެ.

ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދޭން ފެށި ޙަމަލާތަކާ ގުޅިގެން، ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

އެއާއެކު، ދުނިޔޭގެ ތެލުގެ ސަޕްލައި އިންތިހާއަށް ތާށިވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.

އެމެރިކަން އޮޓޯމޮބީލް އެސޯސިއޭޝަނުން ބުނީ، ފާއިތުވި ހަފްތާގެ ތެރޭގައި ޕެޓްރޯލް ގެލަނެއްގެ އެވެރެޖު އަގު 31 ސެންޓުން އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން، މިހާރު އެވަރެޖުކޮށް ޕެޓްރޯލް ގެލަނެއް ގަންނަން ލިބޭ 4.48 އެމެރިކާ ޑޮލަރަކީ، ހަނގުރާމަ ފެށުމުގެ ކުރިން ހުރި އަގާ އަޅާ ބަލާއިރު، 50 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.

އީރާނާއެކު ކުރަމުންދާ ނުސީދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަން ފާހަގަކުރައްވައި، ގަލްފުގެ ސަރަޙައްދުގައި ތާށިވެފައިވާ އާގުބޯޓުތައް ސަލާމަތް ކުރެއްވުމުގެ ނަމުގައި ކުރިއަށް ގެންދެވި އަސްކަރީ އޮޕަރޭޝަން މެދުކަނޑައިލެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފައެވެ.

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ޤާއިމުކޮށްފައިވާ ޙިޞާރު ދެމިއޮތް ނަމަވެސް، "ޕްރޮޖެކްޓް ފްރީޑަމް" ވަގުތީގޮތުން މެދުކަނޑައިލުމަށް ދެ ފަރާތުން އެއްބަސްވުމާ ގުޅިގެން ކަމުގައި ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވެފައިވެއެވެ.

ތެލުގެ އަގާ އެކު، އެމެރިކާގައި ތަކެތީގެ އަގުތައް ވެސް އިންތިހާއަށް އުފުލިފަ އެވެ.

އެއާ އެކު، ޓްރަމްޕްގެ ސަރުކާރާ މެދު އާންމުންގެ ނުރުހުން އިތުރުވެ، ޓްރަމްޕްގެ މަޤުބޫލުކަން ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.

ހަނގުރާމަ ހުއްޓައިލުމަށް އަނެއްކާވެސް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބޭނެކަމުގެ އިޝާރާތެއް ލިބިފައިވީނަމަވެސް، ހަނގުރާމަ ނިމުމަކަށް ގެނެވުނަސް، ތެލުގެ އަގުތަކަށް ކައިރި މުސްތަޤުބަލެއްގައި ލުޔެއް ނުލިބޭނެކަމުގެ މާހިރުން ވަނީ ވިދާޅުވެފައެވެ.