ޚަބަރު

ބަޔާން ބަލިކޮށް ޕީއެސްޖީ ފައިނަލަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އިން ހޯދައިފި އެވެ.

ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ބަޔާން މިއުނިކް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ. ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 5-4 ގެ ނަތީޖާއަކުން ޕީއެސްޖީ އިން ކާމިޔާބުކޮށްފައިވާތީ އެ ޓީމަށް ކުރި ލިބިފައިވަނީ 6-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މިއުނިކްގެ އެލިއަންޒް އެރީނާ ގައި ކުޅުނު މި މެޗުގައި ބަޔާން މިއުނިކް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ.

މި މެޗުގެ ތިންވަނަ މިނިޓުގައި ޕީއެސްޖީ އިން ލީޑު ނަގާފައިވަނީ އޮސްމާން ޑެމްބެލޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެންވެސް ޕީއެސްޖީ އިން ވަނީ ބަޔާން މިއުނިކުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އޭގެ ތެރެއިންވެސް ޕީއެސްޖީގެ ޑިޒަޔާ ޑުއޭ ފޮނުވާލި ނުރައްކާތެރި ހަމަލަތަކެއް ބަޔާން މިއުނިކްގެ ގޯލުކީޕަރު މެނުއެލް ނޯޔާ ވަނީ ވަރަށް ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.

ބަޔާން މިއުނިކް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ހަތަރުވަނަ މިނިޓުގައި އަލްފޮންސޯ ޑޭވީސް ދިން ޕާހަކުން ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަނުގައި ހެރީ ކޭން ކާމިޔާބުކޮށްދިން 55 ވަނަ ލަނޑެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ އާއި ދެކޮޅަށް ނިކުންނާނީ އާސެނަލް އެވެ. 20 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވާ އަސެނަލް އާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ ފައިނަލް މެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު ހަންގޭރީގެ ބުޑަޕެސްޓްގަ އެވެ.