އޭޝިއަން ވެއިޓްލިފްޓިން ޗެންޕިއަންޝިޕްގައި ރާއްޖެއިން އަލަށް ވާދަކުރަން ތައްޔާރުވެއްޖެއެވެ. މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ތައްޔާރުވަމުން އަންނަ އެތުލީޓަކީ ވެއިޓްލިފްޓިންއިން ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނަ އުންމީދީ އެތްލީޓް އަބްދުﷲ އިރްފާންއެވެ.
މުބާރާތަށް ފުރުމުގެ ފަހުގެ ތައްޔާރީތައްވަމުން އަންނަ އެތްލީޓް ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނެފަވަނީ މި ކުޅިވަރަކީ ރާއްޖެއަށް ވަރަށް އައު ކުޅިވަރެއްކަމަށެވެ. އޮލިމްޕިކް ސްޕޯޓްގެ ތެރޭގައި ހިމެނޭ މިކުޅިވަރުގައި ހަރަކާތްތެރިވަމުން އަންނަ އެތްލީޓުންގެ އަދަދު ރާއްޖޭގައި އަދި ތަންކޮޅެއް މަދު ނަމަވެސް ބައިނަލްއަގްވާމީ މިފަދަ މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ކުރިއެރުމެއްކަމަށާ އެކަމާމެދު ވަރަށް ހިތްހަމަޖެހޭކަމަށް އޭނާ ފާހަގަކުރިއެވެ.
މި ފުރުސަތަކީ ކުޅިވަރު ވުޒާރާއާއި ވެއިޓްލިފްޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑަބްލިއުއޭއެމް) ގުޅިގެން އޭނާއަށް ހޯދައިދިން ފުރުސަތެއްކަމަށާ، މިކަން ފަހިކޮށްދިނުމުގައި ސަރުކާރުން ދިން ފުރިހަމަ އެއްބާރުލުން އޭނާވަނީ ފާހަގަކޮށްފައެވެ.
"މިއީ ރާއްޖެއިން މުޅިން އަލަށް ބައިވެރިވާ މުބާރާތެއް. މިފަދަ ފުރުސަތެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. މިކަމުގަ ސަރުކާރާއި މިނިސްޓްރީގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބުނު" އިރްފާން ބުންޏެވެ.
މިމުބާރާތުގައި އޭޝިއާގެ ހުރިހާ ގައުމަކުން ވާދަކުރާއިރު މިމުބާރާތަކީ އޭނާއަށް ލިބޭނެ ރަނގަޅު ތަޖުރިބާއަކަށްވާނެކަމަށް އިރްފާން ބުނެފަވެއެވެ. އަދި މިފަދަ މުބާރާތްތަކުގައި ވާދަކޮށްލަން ލިބުމަކީ އޭނާއަށް މިކުޅިވަރުގައި އިތުރަށް ކުރިއެރުމަށް ކޮށިގެންދާ މަގެއްކަމަށް އޭނާ ބުނެފަވާއިރު، މި މުބާރާތާއި ކުރިމަތިލާނީ އޭނާއަށް ނެރެވުނު އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައިކަމަށް ޒުވާން އެތްލީޓް ބުންޏެވެ.
"މިމުބާރާތުގައި އޭޝިއާގެ ހުރިހާ ގައުމަކުން ވާދަކުރޭ. އެހެންކަމުން ގިނަ އަދަދެއްގެ އެތުލީޓުން މިމުބާރާތުން ފެނިގެންދާނެ. މިމުބާރާތް ވެގެންދާނީ ޗެލެންޖަކަށް. މިއީ އަޅުގަނޑުގެ މިފަދަ ފުރަތަމަ މުބާރާތް. އެހެންވީމަ އުންމީދަކީ މިމުބާރާތުން ރަނގަޅު ތަޖުރިބާތަކެއް ލިބުން. އަޅުގަނޑު މަސައްކަތްކުރާނީ ނެރެވުނު އެންމެ ރަނގަޅު ނަތީޖާއެއް މިމުބާރާތުގައި ހޯދުމަށް" އިރްފާން ބުންޏެވެ.
އޭޝިއަން ވެއިޓްލިފްޓިން ޗެންޕިއަންޝިޕްގައި ވާދަކުރާ އިރްފާންވަނީ ފާއިތުވެދިޔަ އަހަރު ކުރިއަށްދިޔަ ގައުމީ ވެއިޓްލިފްޓިން ޗެންޕިއަންޝިޕުގައި ވާދަކޮށް ތިން ކެޓެގަރީއަކުން އެއްވަނަ ހާސިލްކޮށްފައެވެ. އެއީ 75 ކިލޯ ސްނެޗްގެ އިތުރުން 100 ކިލޯގެ ކްލީން އެންޑް ޖާކް ލިފްޓާއި ދެ ކެޓެގެރީގެ ޓޯޓަލް ޕޮއިންޓުން އެންމެ މަތިން ޕޮއިންޓް ހޯދި އެތްލީޓްގެ ޝަރަފްއެވެ. މި ތިން ލިފްޓްގެ ގައުމީ ރިކޯޑްވެސް މިހާތަނަށް ދަމަހައްޓަމުން އަންނަނީ އިފްރާންއެވެ.
ބޮޑީބިލްޑިންއާއި ޚިލާފަށް ވެއިޓްލިފްޓިން އަކީ އަދި ރާއްޖެއަށް ވަރަށް އައު ކުޅިވަރެއްކަމަށްވާއިރު، މިކުޅިވަރުގައި ހަރަކާތްތެރިވަމުން އަންނަ އެތްލީޓުންގެ އަދަދު އަދި މަދު ނަމަވެސް ކުރިއަށް އޮތްތަނުގައި ގިނަ އަދަދެއްގެ ޒުވާނުން މި ކުޅިވަރުން ފެންނާނެކަމަށް އިރްފާން އުންމީދުކުރެއެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އޭނާވަނީ މި ދެކުޅިވަރުގަ ހުރި ތަފާތު ކޮންމެވެސް ވަރަކަށް ބުނެދީފައެވެ.
"މިއީ އޮލިމްޕިކް ވެއިޓްލިފްޓިން. މިއީ ބޮޑަށް ޕާފޯމަންސް އެއްޗެއް. މީގަ އިންނާނީ ދެ ލިފްޓް. އެއީ ސްނެޗް އާއި ކްލީން އެންޑް ޖާކްއާ. ދެން އޭގެ ޓޯޓަލްއިން މީގަ ބަލާނީ އެންމެ ބަރުކޮށް އުފުއްލޭ މީހާ. އެކި ބަރުދަނުގެ މީހުން މީގަ ބައިވެރިވާނީ. ބޮޑީބިލްޑިން އަކީ ބޮޑަށް އެސްތެޓިކް ލުކްގެ ކުޅިވަރެއް. މިއީ ވަރަށް ތަފާތު ދެ ކުޅިވަރެއް. ރާއްޖޭގައި ވަރަށް އައު މިކުޅިވަރު އަދި" އިރްފާން ބުންޏެވެ.
އޭޝިއަން ވެއިޓްލިފްޓިން ޗެންޕިއަންޝިޕް ކުރިއަށްދާނީ މިމަހުގެ 9 އިން 18 އަށް އިންޑިއާގެ އަހްމަދު އާބާދުގައެވެ.
ވެއިޓްލިފްޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑަބްލިއުއޭއެމް) އަކީ އިންޓަނޭޝަނަލް ވެއިޓްލިފްޓިން ފެޑެރޭޝަން (އައިޑަބްލިއުއެފް) އާއި އޭޝިއަން ވެއިޓްލިފްޓިން އެސޯސިއޭޝަން (އޭޑަބްލިއުއެމް) އާއި ގުޅިގެން ކުރިއަށްގެންދާ އެސޯސިއޭޝަނެކެވެ. އެއެސޯސިއޭޝަނުން މިހާތަނަށް ގައުމީ ވެއިޓްލިފްޓިންގެ ދެ މުބާރާތް ބާއްވާފަވާއިރު މިދިޔަ އަހަރު މުޅިން އަލަށް އަންހެނުންނަށް ޚާއްސަކޮށްގެންވަނީ ވީއޭއެމް ޕަވާ ލިފްޓިން ޗެންޕިއަންޝިޕެއް ބާއްވާފައެވެ. އެމުބާރާތް ބާއްވާފައިވަނީ ފާއިތުވެދިޔަ އަހަރުގެ މޭމަހުގެ 12 އިން 18 އަށް ކުޅުދުއްފުށި ސިޓީގައެވެ.