ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުމަށް ޔަހޫދީން ހުރަސްއަޅައި، ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މުހިންމު ބައިތައް ލިބުމުން މަހުރޫމުކޮށް، އެ ސަހަރުގައި ކާޑުބަލި އާންމުވާ ފަދަ ޙާލަތެއް ގަސްތުގައި އުފައްދާފައިވާ ކަމަށް ޑޮކްޓަރސް ވިތައުޓް ބޯޑަރސް، އެމްއެސްއެފްއިން ބުނެފިއެވެ.
އެމްއެސްއެފްއިން ނެރުނު ރިޕޯޓެއްގައި ބުނީ ޣައްޒާއަށް ކޮންމެހެން މުހިންމު ސާމާނު އެތެރެކުރުމަށް ޔަހޫދީން ހުރަސްއަޅައި، މުހިންމު ވަސީލަތްތަކަށް ދޭ ޙާމަލާތަކުގެ ސަބަބުން ޣައްޒާގެ މާބަނޑު އަންހެނުންނާއި އަލަށް ވިހާ ތުއްތު ކުދިންގެ މެދުގައި ކާޑުބަލި އާންމުވެފައިވާ ކަމަށެވެ. މާބަނޑު މީހުންގެ މެދުގައި ކާޑުބަލި އިތުރުވުމުގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމުގެ ނުރައްކާ އިތުރުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކާޑުބަލިޖެހިފައިވާ މާބަނޑު މީހުން ވިހާ ތުއްތު ކުދިން މަރުވާ މިންވަރު ވެސް އިތުރު ކަމަށް އެމްްއެސްއެފްއިން ބުނެއެވެ.
އެމްއެސްއެފްގެ ރިޕޯޓު ބިނާކޮށްފައި ވަނީ 2024ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2026ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ޣައްޒާގެ ހަތަރު ޞިއްޙީ މަރުކަޒެއްގައި ފަރުވާ ދީފައިވާ މީހުންގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. މި ހަތަރު ޞިއްޙީ މަރުކަޒަކީ ވެސް އެމްއެސްއެފުން ހިންގާ ނުވަތަ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކެކެވެ.
އެމްއެސްއެފްއިން ބުނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ޢުދުވާން ފެށުމުގެ ކުރިން ޣައްޒާގައި ކާޑުބަލި ޖެހިފައިވާ މީހަކު މަދުން ނޫނީ ނުފެންނަ ކަމަށެވެ. ޣައްޒާއަށް މިހާރު ކުރިމަތިވެފައިވާ ދަތި ޙާލަތަކީ ޔަހޫދީންގެ ޢަމަލުތަކުގެ ސީދާ ނަތީޖާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ފާއިތުވި 2.5 އަހަރު ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށާއި ވިޔަފާރި މުދާ އެތެރެކުރުަމަށް ޔަހޫދީން ހުރަސްއެޅުމުގެ ސަބަބުން ކާބޯތަކެތި ލިބުމަށާއި ސާފު ބޯފެން ލިބުމަށް ޣައްޒާގެ ރައްޔިތުންނަށް އިންތިހާއަށް ދަތިވެފައިވާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
އެމްއެސްއެފްއިން އިތުރަށް ބުނީ ޞިއްޙީ ޚިދުމަތްތައް ދިނުން ހުއްޓައިލުމަށް ޞިއްޙީ މަރުކަޒުތަކަށް މަޖުބޫރުވެފައިވާ ކަމަށާއި، ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ޣައްޒާގެ ރައްޔިތުން ކާޑުބައްޔަށް ހުަށަހެޅިފައިވާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނީ ޣައްޒާގެ ދެ ހަސްފަތާލެއްގައި ފަރުވާ ދީފައިވާ އަންހެނުންގެ ދެބައި ކުޅަ އެއްބައި މީހުންނަކީ 2025ވަނަ އަހަރުގެ ޖޫން މަހާއި 2026ވަނަ އަހަރުގެ ޖަނަވަރީ މަހާ ދެމެދު، އެ މީހުން މާބަނޑުއިރު ކާޑުބަލިޖެހިފައިވާ މީހުން ކަމަށެވެ. އޭގެ ތެރެއިން 25އިންސައްތަ މީހުން ވިހެއުމާ ހަމައަށް ވެސް ދިޔައީ އެ ކަން ތަހައްމަލް ކުރަމުންނެވެ.
މި ޙާލަުތުގައި އުފަންވެފައިވާ ކުދިންގެ 90 އިންސައްތަ ކުދިން އުފަންވެފައި ވަނީ ދުވަސްނުފުރައެެވެ. އަދި 84 އިންސައްތަ ކުދިން ވިހޭއިރު، އެ ކުދިންގެ ބަރުދަން ހުންނަންވާ ވަރަށްވުރެ ލުޔެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި އުފަންވާއިރު ބަރުދަން ލުއި ކުދިން، ބަރުދަން މަތި ކުދިންނަށްވުރެ މަރުވުމުގެ ފުރުޞަތު 20 ގުަނައަށް އިތުރުވެއެވެ. އަދި ހެދިބޮޑުވުމުގައި މައްސަލަތައް ކުރިމަތިވެ، ސިކުނޑި ތަރައްޤީވާ މިންވަރު ވެސް ލަސްވުމުގެ ފުރުޞަތު އިތުރުވެއެވެ.
އެމްއެސްއެފްއިން ބުނީ ކާޑުބަލީގެ ފުރަތަމަ ކޭސް ޣައްޒާއިން ދެނެގަނެވިފައި ވަނީ 2024ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކަމަށެވެ. އެއީ ހަނގުރާމަ ފެށުމުގެ އެންމެ ތިން މަސް ދުވަހުގެ ތެރޭގައެވެ. އެ ޖަމްޢިއްޔާއިން ވަނީ އެމެރިކާއާއި ޔަހޫދީން ގުޅިގެން އުފެއްދި ގޮތް ނޭނގޭ ޖަމްޢިއްޔާ، ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ދަށުން ކާބޯތަކެތި ބެހުމުގެ ނަމުގައި ޤާއިމްކުރި މަރުކަޒުތަކަކީ ނަމެއްގައި ހިންގި ނުރައްކާތެރި މަރުކަޒުރަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އދގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޣައްޒާގެ ރައްޔިތުންގެ 60 އިންސައްތަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އދއާއި ވޯލްޑް ބޭންކްއާއި ވިލާތުގެ އިއްތިޙާދުން ގުޅިގެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވާ ދާއިރާއަކީ ގެދޮރު ބިނާކުރުމުގެ ދާއިރާއެވެ. އެ ގޮތުން ގެދޮރު އަލުން ބިނާ ކުރުމަށް 171 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް އެ އިދާރާތަކުން ވަނީ ބުނެފައެވެ.
ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުަގައި މިހާތަނަށް 72،500 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ދަނީ ނަމެއްގައި ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންނެވެ. އެއްބަސްވުން ޤާއިމްކުރި ފަހުން ވެސް ޣައްޒާގެ ބިންތައް ޔަހޫދީން ދަނީ އަތުލަމުންނެވެ. އަދި އެ ސަހަރުގެ ރައްޔިތުން ޝަހީދުކުރަމުންނެވެ. އެއްބަސްވުމުުގެ ދަށުން ޣައްޒާއަށް ދުވާލަކު 600 ގާފިލާގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެކުރުމަށް ޙުއްދަ ދޭން ޖެހޭ ނަމަވެސް، ޣައްޒާއަށް ވަނުމުގެ ޙުއްދަ ޔަހޫދީން ދެނީ ދުވާލެއްގެ މައްޗަށް 150އެއްހާ ގާފިލާއަށެވެ.