ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިން ކަމުގައިވާ ފްރާންސްގެ އައުރެލިއަން ޗުއަމޭނީ އާއި ފެޑެރީކޯ ވަލްވޭޑޭ އާއި ދެމެދު ބޮޑު ހިތްހަމަނުޖެހުމެއް ހިނގާ ވަލްވޭޑޭ އަށް ހޮސްޕިޓަލުގައި ފަރުވާ ދީފި އެވެ.
ރެއާލް މެޑްރިޑްގެ ޓްރެއިނިން ދަނޑުގެ ޗޭންޖިން ރޫމުގައި އިއްޔެ ހިނގި ހަމަނުޖެހުމުގައި ވަލްވޭޑޭގެ ބޯ ފަޅައިގެން ގޮސް އޭނާއަށް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ދެ ކުޅުންތެރިންގެ މެދުގައި އޭގެ ކުރީ ދުވަހުވެސް ވަނީ ހަމަނުޖެހުމެއް ހިނގާފަ އެވެ.
މި މައްސަލަ އާއި ގުޅިގެން ރެއާލް މެޑްރިޑްގެ ވެރިން ވަނީ ވަގުތުން އެމަޖެންސީ ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި އެ ބައްދަލުވުން ނިމެންދެން އެއްވެސް ކުޅުންތެރިއަކު ޓްރެއިނިން ދަނޑު ދޫކޮށްދިއުންވެސް އޮތީ މަނާކޮށްފަ އެވެ.
އިމަޖެންސީ ބައްދަލުވުމަށްފަހު އެ ކްލަބުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ބަލާ ދެ ކުޅުންތެރިންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް އަންނަ ހަފްތާގައި ކުޅޭ އެލް ކްލެސިކޯ މެޗުގެ ކުރިން ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ މެދުގައި ހިނގާދިޔަ ކަންތައްތަކުގެ އިތުރުން އެ ކްލަބުގެ ކޯޗު އަބެލޮއާ އާއި ބައެއް ކުޅުންތެރިންނާއި ދެމެދު މައްސަލަޖެހި އޭގެ ތެރެއިން ބައެއް ކުޅުންތެރިންނާއި ކޯޗު ވާހަކަ ނުދައްކާކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ޗޫމޭނީ އާއި ވަލްވޭޑޭ އާއި ދެމެދު ހިނގާދިޔަ ކަންތައްތަކާއި ގުޅޭ ގޮތުން ވަލްވޭޑޭ ބުނެފައިވަނީ އޭނާގެ ބޯ ފަޅައިގެން ދިޔައީ ޗޫމޭނީގެ ހަމަލާއަކުން ނޫން ކަމަށާއި އެއީ އެކްސިޑެންޓަކުން މޭޒުގައި ޖެހުމުގެ ސަބަބުން ފަޅައިގެން ދިޔަ ތަނެއް ކަމަށެވެ. އަދި ޗޫމޭނީ އޭނާގެ ގައިގައި ޖަހާފައިނުވާކަމަށްވެސް ވަލްވޭޑޭ ވަނީ ބުނެފަ އެވެ.
ރެއާލް މެޑްރިޑްއިން ބުނެފައިވަނީ ވަލްވޭޑޭ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް 10 ވަރަކަށް ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އޭނާއަށް އެލްކްލެސިކޯ މެޗު ގެއްލޭނެ އެވެ.