ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ މައުލޫމާތު ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް - ލަންކާ އިންވެސްޓްމަންޓް ފޯރަމްއާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ބިޒްނަސް ފޯރަމް ކާމިޔާބުކަމަށެވެ.
މިއީ މިފަދަ 10ވަނަ ފޯރަމްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ފޯރަމްގައި 3000 އަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށެވެ. މީގެތެރެއިން %80 އަށްވުރެ ގިނައިން ތިއްބެވީ ބޭރުގެ އިންވެސްޓަރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ބިޒްނަސް ފޯރަމްތައް ބޭއްވުމަކީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭކަމެއްކަމަށެވެ. އޭގެ ބޭނުމަކީ އިންވެސްޓްމަންޓްގެ ދައުރު އިތުރަށް ފުޅާކުރުމާ އިންވެސްޓްމަންޓް ޕްރޮމޯޝަންގެ މަސައްކަތްތައް މީގެ ކުރިއާއި ހިލާފަށް ރޭވުންތެރިކަމާއިއެކު ކުރިއަށްގެންދިއުންކަމަށެވެ. އަދި ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަސޭހަތަނަކަށް ހެދުމަކީވެސް މި ފޯރަމްތަކުގެ ބޭނުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމާއި އަދި ފަތުރުވެރިކަމުގެ ސިނާއަތްވެސް ޕްރޮމޯޓްކުރާހެން އިންވެސްޓްމަންޓް ޕްރޮމޯޝަންއަކީ ކޮންމެހެން ކުރިއަށްގެންދަން ޖެހޭނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސްރީލަންކާއަކީ އަޅުގަނޑުމެންނާއި ވަރަށް އަވަށްޓެރި ޤައުމަކަށްވާއިރު ވަރަށް ގިނަ އަދަދެއްގެ ދިވެހިން އެބަ ދިރިއުޅުއްވާ ސްރީލަންކާގައި. ދިރިއުޅުއްވާއިރު ދިވެހިންވެސް ހުންނާނެ ކުރަން ބޭނުންވާ ވިޔަފާރިތައް. އެހެންނަމަވެސް މިވަގުތު މި އޮންނަނީ ވަންވޭ ޓްރެފިކެއް އުފެދިފައި. މާނައަކީ ސްރީލަންކާގެ އިންވެސްޓަރުން ރާއްޖޭގައި މި އިންވެސްޓްކުރަނީ ގިނަ އަދަދަކަށް. އެހެންނަމަވެސް ދިވެހިންނަށް ނުހުރޭ މާފަހި ފުރުސަތުތަކެއް ފަހިވެފައެއް އަދިއެއް. އެހެންވީމަ ރައީސް ބޭނުންފުޅުވޭ މިއީ 2ވޭ ޓްރެފިކެއް މީގައި އުފެދެން." ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ތެރެއިން މިފަދަ ފޯރަމްތައް ބޭއްވުމުގެ ސަބަބުން ހޮސްޓްކުރާ ގައުމުގެ ސަމާލުކަންވެސް މި ފޯރަމްތަކަށް ލިބޭކަމަށް ވަޒީރު ވިދާޅުވިއެވެ. ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ފޯރަމްގައިވެސް ސްރީލަންކާގެ ޕްރައިމް މިނިސްޓަރ ތަގުރީރުވެސް ވަނީ ކުރައްވާފައެވެ.
ރާއްޖެ - ލަންކާ ބިޒްނަސް ފޯރަމްގެ ތެރެއިން ރާއްޖޭގެ އެކިއެކި ސިނާއަތްތަކުގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އޭގެތެރޭގައި ފަތުރުވެރިކަން، ދަނޑުވެރިކަން ފަދަ ސިނާއަތްތައް ހިމެނެއެވެ.