ރަޝިޔާއަށް ވުރެ އެމެރިކާގެ ފަރާތުން ދުނިޔެއަށް އޮތް ނުރައްކާ މިހާރު ބޮޑުކަމަށް ގިނަ ބަޔަކު ޤަބޫލުކުރާކަމަށް ސަރވޭއަކުން ދައްކައިފިއެވެ.
އެލަޔަންސް އޮފް ޑިމޮކްރަސީސް ފައުންޑޭޝަނުން ހެދި ދިރާސާއިން ދައްކާ ގޮތުގައި، ވިދިވިދިގެން ދެ އަހަރު، އެމެރިކާ ވަނީ އެ ލިސްޓުގެ ފަހަތަށް ސޮއްސާލައިފައެވެ.
މިގޮތުން، ދުނިޔެއަށް އެންމެ ނުރައްކާ ބޮޑީ ރަޝިޔާ އާއި ޔަހޫދީންގެ ފަރާތުން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރިނަމަވެސް، އެމެރިކާ މިހާރު ވަނީ ރަޝިޔާއަށް ވުރެ ފަހަތަށް ވެއްޓިފައިވާކަމަށް އެ ސަރވޭއިން ދައްކައެވެ.
އެ ޖަމްޢިއްޔާގެ ވެރިޔާ އެންޑަރސް ފޯ ރާސްމަސަން ވިދާޅުވީ، ރަޝިޔާއަށް ވުރެ ފަހަތަށް އެމެރިކާ ވެއްޓިފައިވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ.
މިގޮތުން، ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން މުޅި ދުނިޔޭގައި ނުތަނަސްކަން އިންތިހާއަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން، ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ އާއި، ނޭޓޯގެ ޤައުމުތަކަށް އެމެރިކާއިން އަރާނެކަމުގެ އިންޒާރުތަކާއި ދުނިޔޭގެ ގިނަ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކުރުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ، އެމެރިކާވެސް ބައިވެރިވެފައިވާ ދިފާޢީ އިއްތިޙާދު ނޭޓޯގެ ޤައުމުތަކަށް ފާޅުގައި ގޮންޖައްސަވަމުންނެވެ. އަދި ގްރީންލޭންޑު ހިފާނެކަމުގެ އިންޒާރާއި ޔޫކްރޭނަށް އަސްކަރީ އެހީ ދިނުން މަދުކުރުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން ޙާއްޞަކޮށް، ހުޅަނގުގެ ޤައުމުތަކުގެ މެދުގައި އެމެރިކާއާ މެދު އޮތް ހިތްހަމަނުޖެހުން ވަނީ އިތުރުވެފައެވެ.
އެއާ އެކު، ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ރައްދުގައި އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދަން އެހީތެރިވުމަށް ޓްރަމްޕް ގޮވާލެއްވި ގޮވާލެއްވުމަށް ވެސް ނޭޓޯގެ ޤައުމުތަކުން އިޖާބަދީފައެއް ނުވެއެވެ.
މާޗް 19 އިން އޭޕްރީލް 21ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ސަރވޭގައި، 98 ޤައުމަކުން 94،000އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.