މޯލްޑިވްސް އިމިގްރޭޝަނުން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފިއެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓް ކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް"ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށެވެ. އެހެންވެ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމަށް، މާދަމާއިން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތްތަކަށް ދޫކުރެވޭނީ، "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ 1,000ރުފިޔާ ނަމަވެސް، "އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ، 600 ރުފިޔާއެވެ.
މިފަދަ ހާލަތްތަކުގައި މީގެކުރިން ޢަމަލުކުރާ ގޮތާ ޚިލާފަށް، އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރާ ފަރާތްތަކުން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހަދަން ބޭނުންވާ ހާލަތްތަކުގައި "ކެންސަލޭޝަން ފީ" ނެގުމަކާ ނުލައި، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މިބަދަލާ ގުޅިގެން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އިމިގްރޭޝަނުން ވަނީ މައާފަށް އެދިފައެވެ.