ރާޒުވާއަކީ ކޮންމެ މީހަކަށް ނުކުޅެވޭނެ ކުޅިވަރެއްގެ ގޮތުގައި މީހުން ސިފާކުރާ އެއް ކުޅިވަރެވެ. ވިސްނުމުގެ ހުށިޔާރުކަމާ ގުޅިފައިވާ މި ކުޅިވަރަކީ ރާއްޖޭގައިވެސް މަގުބޫލު ކުޅިވަރަކަށްވާއިރު، މިއީ ވަކި އުމުރެއްނެތި އެކި އުމުރުފުރާތަކުން ކުޅެމުން އަންނަ ކުޅިވަރެއްކަން ފާހަގަކޮށްލެވެއެވެ.
ރާޒުވާގެ ދުނިޔޭގެ މައި އިދާރާ އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަން (ފިޑޭ)އިން، ރާޒުވާ ކުޅުންތެރިންގެ ހުނަރުވެރިކަމާ ކުޅުމުގެ މޮޅުކަން ވަޒަންކުރުމަށްފަހު ފިޑޭ ރޭޓިން ދެމުން އަންނައިރު، ރާއްޖޭގައި މިވަގުތު މި ރޭޓިން ހޯދާފައިވާ އެންމެ ހަގު ކުޅުންތެރިޔަކީ އުމުރުން 9 އަހަރުގެ މަކީނާ ނައުޝީން އަލީއެވެ.
ކުރިއަރަމުން އަންނަ އުންމީދީ ކުޅުންތެރިޔާ މި ޝަރަފު ހޯދާފައިވަނީ އޭނާގެ އުމުރުން އެންމެ 8 އަހަރުގަކަމަށްވާއިރު، މި ކުޅިވަރުގެ ތެރެއަށް ނައުޝީން ވަދެފަވަނީ ވަރަށް ތުއްތު އުމުރެއްކަމަށްވާ އެންމެ ހަތަރު އަހަރުގައެވެ. މަންމައާއި އެކު ބުކްޝޮޕަކަށް ދިޔަ ދުވަހެއްގައި ރާޒުވާ ބޯޑެއް މަންމަ ގަނެދިނުމުން މިކުޅިވަރަށް އޭނާ ޝައުގުވެރިކަން އުފެދުނު ގޮތް ނައުޝީންވަނީ ޕީއެސްއެމް ނިއުސްއަށް ކިޔައިދީފައެވެ.
"އެއްދުވަހަކު އަޅުގަނޑާއި އަޅުގަނޑުގެ މަންމަ ދިޔައީ ޗެސް ބޯޑެއް ގަންނަން. ދެން އެ ޗެސް ބޯޑު ގަތީމަ ނައުޝީއަށް ފެނުނީ ހުދު ކުލަ، ނައުޝީއަށް ހުދުކުލަ ފެނުނީމަ ޗެސް ބޯޑު ދެކެ ވަރަށް ލައިކްވި. ނައުޝީ އެންމެ ގަޔާވާ ކުލައަކީވެސް ހުދު ކުލަ" ނައުޝީން ބުންޏެވެ.
ނައުޝީން ހޯދަމުންދާ ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ނައުޝީންގެ މަންމައާއ ބައްޕަކަމަށްވާއިރު، ރާޒުވާގެ ދުނިޔެއަށް އެންމެ ހަތަރު އަހަރުގެ ތުއްތު ނައުޝީންއަށް ވަދެވުނުގޮތް އޭނާގެ މަންމަ ދިމްނާ ފާކިރުވެސްވަނީ ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.
އަބަދުވެސް އައު ކަންކަން ދަސްކުރުމަށް ޝައުގުވެރިކަން ހުރި ނައުޝީން އުމުރުން ހަ އަހަރުގައި ޗެސް ކްލަބަކާ ގުޅި މައިންބަފައިންގެ އެހީތެރިކަމާއެކު މިކުޅިވަރުގެ ގަވާއިދުތަކާއި އެކިއެކި ހުނަރުތައް ދަސްކުރަންފެށިއެވެ. މިކުޅިވަރުގެ ހުނަރުތަކާއި ގަވާއިދުތައް ދަސްކުރުމަކީ ތޫނުފިލި ނައުޝީންއަށް މާ އުނދަގޫކަމަކަށް ނުވިއެވެ.
ކޯޗެއްގެ އިރުޝާދެއް ނެތި އޮންލައިންކޮންނާއި ފޮތްތަކުން ލިބޭ މައުލޫމާތުތަކުގެ އަލީގައި އޭނާ މި ކުޅިވަރުގައި ފައިތިލަ ސާބިތުކޮށް މުބާރާތްތަކުގައި ވާދަކުރަންފެށިއެވެ. ރާޒުވާގައި ނައުޝީންގެ އެންމެ ބޮޑު މަދަދުގާރަކީ އޭނާގެ މަންމަކަމަށާ ރާޒުވާ ޕްރެކްޓިސްކުރުމަށް މަންމައާއި އެކު ވަގުތު ހޭދަކުރާކަމަށް އޭނާ ފާހަގަކުރިއެވެ.
ރާޒުވާގެ ގްރޭންޑް މާސްޓަރަކަށްވުމުގެ ފޮނި ހުވަފެންތައް ދެކެމުންދާ ނައުޝީންގެ އެންމެ ބޮޑު އުންމީދަކީ ރާޒުވާގެ ފުންނާބު އުސް ދެ ކުޅުންތެރިންކަމަށްވާ މެގްނެސް ކާލްސަނާއި ޖުޑިތް ޕޯލްގަރއާ އެކު މެޗެއް ކުޅެލުންކަމަށްވާއިރު، އޭނާދަނީ ޖުޑިތް ޕޯލްގަރގެ "ހައު ޓު މާސްޓާ ޔޯރ ޗެސް ވިތް ޖުޑިތް ޕޯލްގަރ" މި ފޮތުން ގިނަގުން ޓެކްޓިކްސްތައް މިހާރުވެސް ދަސްކުރަމުންކަމަށް ނައުޝީން ބުންޏެވެ.
މިފޮތަކީ ރާއްޖެއިން ނައުޝީންގެ ފޭވަރިޓް ކުޅުންތެރިޔާކަމަށްވާ ރާޒުވާގެ ޗެންޕިއަން ނިހާޔާ އަހްމަދު ނައުޝީންއަށް ހަދިޔާކުރި ފޮތެއްކަމަށާ އެކަމަށްޓަކައި ނިހާޔާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް އޭނާ ބުންޏެވެ.
"ނައުޝީން ބޭނުންވަނީ ގްރޭންޑް މާސްޓާއަކަށްވާން. އަދި މެގްނެސް ކާލްސަނާއި ޖުޑިތް ޕޯލްގަރ އާއިއެކު ކުޅެން. ޖުޑިތް ޕޯލްގަރގެ ފޮތެއް ނައުޝީން އަތުގަ އޮންނާނެ. އެއީ "ހައު ޓު މާސްޓާ ޔޯރ ޗެސް ވިތް ޖުޑިތް ޕޯލްގަރ" ނައުޝީން ބުންޏެވެ.
ފިޑޭ ރޭޓެޑް ކުޅުންތެރިޔަކަށްވުމަކީ ފަސޭހަ ދަތުރެއް ނޫނެވެ. އެއީ ގިނަ މުބާރާތްތަކެއް ކުޅެ، ހުނަރާއި ތަޖުރިބާއިން ދަސްކުރާ ޓެކްޓިކްސްތަކާއެކު ކުރާ ބުރަ މަސައްކަތުގެ ނަތީޖާކަމަށްވާއިރު، ނައުޝީންގެ މި ބުރަ ދަތުރު ތަޖުރިބާ އޭނާގެ މަންމަވަނީ ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.
ރާޒުވާއިން ގްރޭންޑް މާސްޓަރަކަށްވުމުގެ ފޮނި ހުވަފެންތައް ދެކެމުންދާ ހުނަރުވެރި ނައުޝީން އޭނާއަށް ލިބިފައިވާ ހުނަރަށްޓަކައި މާތް ﷲ އަށް ޝުކުރުކުރެއެވެ. އަދި އޭނާގެ ކާމިޔާބީގެ ފަހަތުގައި ތިބީ އަބަދުވެސް އެންމެ ހިތްވަރުދޭ އޭނާގެ ލޯބިވާ މަންމައާއި ބައްޕަކަމަށާ އެހެންކަމުން އެކަމަށްޓަކައި އެ ދެ ފަރާތަށް ނައުޝީންވަނީ ޝުކުރުއަދާކޮށްފައެވެ.
"މާތް ﷲ ނައުޝީއަށް އެވިސްނުންދެއްވީ ޗެސް ކުޅެން. އަޅުގަނޑު ޝުކުރު އަދާކުރަން ބޭނުން މަންމައަށް އެއީ މަންމަ އަޅުގަނޑަށް ވަރަށް ބޮޑަށް އެހީވާތީ ޗެސް ކުޅެން. ދެން އަޅުގަނޑުގެ ބައްޕައަށް. ސަބަބަކީ ބައްޕަ ވަރަށް މަޖާވާނެ. އަދި އަޅުގަނޑު ވަރަށް ގިނައިން ބައްޕަ ބަލިކުރަން" ނައުޝީން ބުންޏެވެ.
ދަރިންގެ ކާމިޔާބީއަކީ މައިންބައިފައިން އެކުދިންނަށް ދޭ ފުރިހަމަ ޔަގީންކަމާ ހޯދާދޭ ފުރުސަތުތަކުގެ އަސްލުކަމަށް ނައުޝީންގެ މަންމަ ބުންޏެވެ. ހުނަރުވެރި ކުދިން އުފެދިގެން އަންނަނީ މައިންބަފައިންގެ ފަރާތުން މެދު ނުކެނޑި ދެވޭ ހިތްވަރާއި ލޯބީގެ ސަބަބުންކަމަށް ނައުޝީންގެ މަންމަ ގަބޫލުކުރާއިރު އޭނާވަނީ ބެލެނިވެރިންނަށް މުހިންމު މެސެޖެއްވެސް ދީފައެވެ.
ރާއްޖޭގައި މިވަގުތު ހުރި ފިޑޭ ރޭޓެޑް އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ނައުޝީން ބުނީ ރާޒުވާ އަކީ މަޖާ ކުޅިވަރެއްކަމަށާ މުބާރާތްތަކާ ކުރިމަތިލާއިރު ކޮންމެވެސް ވަރަކަށް ހާސްވިޔަސް މާ ބޮޑަށް ބިރުނުގަތުމަށެވެ. މާބޮޑަށް ބިރު ގަންނަނަމަ ހަދަންވީ ގޮތްވެސް ނައުޝީންވަނީ ބުނެދީފައެވެ.
"ޗެސް އިޒް ފަން، ބިރުގަނެ ނާވަސް ނުވާށޭ. އެކަމަކު ކުޑަކޮށް ނާވަސްވީމަ އޯކޭ ވާނެ. އިޓް މީންސް ޔޫއާރ ސީރިއަސް ފޯ ދަ ގޭމް. އެކަމަކު މާބޮޑަށް ނާވަސްވީމަ ޔޫ މޭ ޑޫ ބްލަންޑާސް. އެކަމަކު ޗޮކްލެޓެއް ކެއިމަ ޔޫއާ ބަރާބަރު" ނައުޝީން ބުންޏެވެ.