ސަރުކާރުން ތަރައްޤީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައްލަވައިލައްވައިފިއެވެ.
ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ މީޑިއާ ވިލެޖު ތަރައްޤީކުރަމުންދަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ތަރައްޤީކުރި ސިޓީ ހޮޓެލް އިމާރާތުގައެވެ. އެ އިމާރާތުގައި މީޑިއާ ވިލެޖް ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.
އަންނަ މަހަށް މި ތަނުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވާފައެވެ. ވަޒީރު ވަނީ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރަތްކުރައްވާ، މަޝްރޫއު ހިންގާ ފަރާތްތާކާއި ބައްދަލުކުރައްވާ، މަސައްކަތްތައް ކުރިއަށްދާ މިންވަރު އޮޅުންފިލުއްވަވާފައެވެ.
މީޑިއާ ވިލެޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިނިސްޓަރު ޢަލީ އިޙްސާން މިއަދު އެ ސައިޓަށް ޒިޔާރަތްކުރައްވައިފި. މި ޒިޔާރަތުގައި މިނިސްޓަރު ވަނީ މަޝްރޫޢުގެ ޓީމާ ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިއަށްދާ މިންވަރު އޮޅުންފިލުއްވާފަ pic.twitter.com/LwuItbySHp
— Ministry of Homeland Security, Labour & Technology (@HomeMinistrymv) May 10, 2026
މީޑިއާތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ބޮޑު ކުލީގައި ހިފަންޖެހުމުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، "މީޑިއާ ވިލެޖް" ޤާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ބާރު ދުވެއްޔެއްގައި ކުރިއަށްގެންދަމުންނެވެ.
މި މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭއެވެ. މި ވިލެޖުގެ މައިގަނޑު މަޤްޞަދަކީ، ލުއި އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ޖާގަ ފޯރުކޮށްދީ، މީޑިއާތަކަށް ލިބޭ އާމްދަނީން އެ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ.