ޚަބަރު

"އިންޑިއާ ކަނޑުގެ މުސްތަޤްބަލު ބިނާވަނީ އިތުބާރާއި އިންސާފުވެރިކަމަށް"


  • ކަންނެލީގެ އާބާދީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދެމުން އަންނަކަމަށް ވިދާޅުވި

މަސްވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގައި ދިވެހި ސަރުކާރުން ޚާއްސަ އިސްކަމެއް ދީފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ 30 ވަނަ ސެޝަން ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ކިތަންމެ މޫސުން ގޯސްވި ނަމަވެސް، އިހުގެ މަސްވެރިންނެކޭ އެއްފަދައިން މިއަދުވެސް ރާއްޖޭގެ މަސްވެރިން ކޮންމެ ދުވަހަކު ކަނޑަށް ނިކުމެ މަސައްކަތް ކުރާކަމަށެވެ. މަސްވެރިންގެ މި ސާބިތުކަމާއި ހިތްވަރަކީ، ކަނޑުގެ އައްސޭރިފަށުގެ މުޖުތަމައުތަކަށް މި ކޮމިޝަންގެ މަސައްކަތްތައް މުހިންމުވާ މިންވަރު ހަނދާންކޮށްދޭ ކަމެއްކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި، ދިވެހި ސަރުކާރުން ވަނީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށާއި، ސިނާޢަތް ޒަމާނީކުރުމަށާއި، މަސްވެރި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގައި ޒިންމާދާރު ބަލަދުވެރިއެއްގެ ދައުރު އަދާކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ބައްދަލުވުން މާލޭގައި ބޭއްވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދީފައިވަނީ އެ ސަބަބަށްޓަކައި. އަދި މިކަން ހަގީގަތަކަށް ހެއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި ވަރުގަދަ އެއްބާރުލުމަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ނިންމުމުން ހާމަވަނީ ހިންދުކަނޑުގެ ކަނޑުމަހުގެ ވަސީލަތްތައް ހުރިހާ ޤައުމުތަކުން ގުޅިގެން ބެލެހެއްޓުމަށާއި، ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ދިވެހިރާއްޖެއަށް ބަލާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަކީ ހަމައެކަނި ފަލްސަފީ ނުވަތަ ޚިޔާލީ ކަމެއް ނޫންކަމަށެވެ. ބައިނަލްއަގުވާމީ ސިޔާސީ މަޝްވަރާތަކުގައި މި ލަފުޒު އާންމުވުމުގެ މާ ކުރިންވެސް، ކަނޑުފަޅުގެ ދިރުންތަކުގެ ދުޅަހެޔޮކަމަކީ އަންނަން އޮތް ޖީލުތަކުގެ ބާއްޖަވެރިކަމާއި ގުޅިފައިވާ ކަމެއްކަން މުޖުތަމަޢުތަކުން ގަބޫލުކުރާކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި މި ވިސްނުން އިސްކަންދޭކަމަށާއި ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ ކަނޑުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ކަނޑުގެ މާހައުލު ރައްކާތެރިކުރުމާއެކު، އެތައް ހާސް ބައެއްގެ އާމްދަނީއާ ގުޅިފައިވާ ނަމޫނާ މަސްވެރިކަމެއްކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި ބައްދަލުވުމުގެ ތެރެއިން އެންމެ މުހިންމު އެއް މަޝްވަރާއަކީ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ ހިމާޔަތްކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާކަމަށެވެ.

އެގޮތުން ކަންނެލީގެ އާބާދީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. 2016 ވަނަ އަހަރު މިކަމާ ގުޅޭ ފުރަތަމަ ފިޔަވަޅު އެޅި ފަހުން، ކަންނެލީގެ އާބާދީއަށް ކުރާ ބާރު ކުޑަކުރުމަށްޓަކައި ގައުމީ ފެންވަރުގައި މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށާއި މީގެތެރޭގައި މަސްވެރިކަމުގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކާއި، ލޭނު އެޅުމުގެ މަސްވެރިކަން މެދުކަނޑާލުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ ފަސޭހަ ނިންމުންތަކެއް ނޫން. ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ. އެހެންނަމަވެސް، މި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް އޮތުމުގެ މުހިންމުކަން ބޮޑުކަމުން، އަޅުގަނޑުމެން މި ޒިންމާތައް އުފުލީ އެކަމުގެ މުހިންމުކަން ގަބޫލުކުރާތީ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ޒިންމާދާރުކަމާއެކު މަސްވެރިކަން ކުރާ ގައުމުތަކާއި ކުދި މަސްވެރިކަން ކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް، މި ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރެއިން ފުރިހަމައަށް ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. އިންޑިއާ ކަނޑަކީ އެންމެން ގުޅުވައިދޭ ފާލަމެއްކަމަށާއި މި ކަނޑުގެ މުސްތަގުބަލު ބިނާވެފައި އޮންނާނީ، އިތުބާރާއި، އިންސާފުވެރިކަމާއި، އަދި އެންމެން ހިއްސާވާ ޒިންމާދާރުކަމުގެ ރޫހެއްގައި އެކުގައި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި މިންވަރެއްގެ މައްޗަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މި ބައްދަލުވުމުގައި ނިންމާ ނިންމުންތަކުގެ އަސަރު، މާ ދުރަށް ފޯރާނެކަމަށާއި އެ ނިންމުންތަކަކީ މުޖުތަމަޢުތަކުގެ މުސްތަޤުބަލާއި، ކާނާގެ ރައްކާތެރިކަމާއި، އާންމުންގެ ދިރިއުޅުމުގެ ފެންވަރާއި، އަދި ދުނިޔޭގެ އެންމެ މުހިންމު އެއް ވަސީލަތް ކަމުގައިވާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާ ގުޅިފައިވާ މުހިންމު ނިންމުންތަކެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.