މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ތަރައްޤީކުރާ އޮފީސް އިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް ނިމި، ފިނިޝިންގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒު ވިދާޅުވީ، މި މަޝްރޫޢުގެ މުޅި ޖުމްލަ 98 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޔާޒު ވިދާޅުވީ، ހުޅުމާލެ ފޭސް 1ގެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށްވާ ގޮތަށް ތަރައްޤީކޮށްފައިވާ މި އިމާރާތުގެ ކޮންސްޓްރަކްޝަނާއި ގުޅުންހުރި މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އިމާރާތުގެ ބޭރުގައި ހަރުކުރާ ބިއްލޫރި ވޯލް ސިސްޓަމާއި ފަސާޑުގެ މަސައްކަތްތައްވެސް ނިންމާލެވިފައިވާ ކަމަށެވެ.
އިމާރާތުގެ ފަންނީ މަސައްކަތްތަކަށް ބަލާއިރު، ކަރަންޓު ނެޓްވޯކާއި، ލައިޓުތައް ހަރުކުރުމާއި، އެއަރކޮންޑިޝަންގެ މަސައްކަތްތައް ހުރިހާ ފްލޯއެއްގައި ނިންމާލާފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި އިމާރާތުގައި ބޭނުންކުރާ 3 ލިފްޓާއި، ފުރަތަމަ ފަންގިފިލާގައި ހަރުކުރާ އެލްއީޑީ ސްކްރީންގެ މަސައްކަތް ނިމި، ލިފްޓުތައް ޓެސްޓުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
އެމްޓީޑީސީގެ އެމްޑީ ނިޔާޒު ފާހަގަކުރެއްވިގޮތުގައި މިހާރު ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އިމާރާތުގެ ސިސްޓަމްތައް ޓެސްޓުކުރުމާއި، ފަރުނީޗަރު ހަރުކުރުމާއި، ފާޚާނާ ފިޓިންގްސް ހަރުކުރުމުގެ މަސައްކަތްތަކެވެ. އަދި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ މައި ނެޓްވޯކާ ގުޅާލުމުގެ މަސައްކަތްތައްވެސް ކުރިއަށްދާއިރު، ޖޫންމަހުގެ ކުރިން އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރާ ހަވާލާދީ ނިޔާޒު ވިދާޅުވިއެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުންފުނީގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު ބިން ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، މި އިމާރާތުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ހުނާން ނަންބަރު 6 އިންޖިނިއަރިންގ ކޮމްޕެނީއާއެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ގެޑޯ އާކިޓެކްޓްސްއިންނެވެ.
2205 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއްގައި ބިނާކޮށްފައިވާ މި އިމާރާތަކީ އާންމުކޮށް ރާއްޖޭގައި މިހާރު ހަދާފައިވާ އޮފީސް އިމާރާތްތަކާއި ތަފާތު ޒަމާނީ ގިނަ ލުއިފަސޭހަތަކެއް ލިބޭގޮތަށް ތަރައްޤީކުރާ އިމާރާތެކެވެ. އެގޮތުން މިގޮތުން 11 ފަންގިފިލާއަށް ތަރައްޤީކުރާ މި އިމާރާތުގައި ކޮންފަރެންސް ހޯލެއް ހުންނައިރު، ފުރަތަމަ ފަންގިފިލާގައި ބިޒްނަސް ލައުންޖެއްވެސް ހުންނާނެއެވެ. އަދި އިމާރާތުގެ އެހެން ބުރިތައް ހާއްސަކޮށްފައިވަނީ ވިޔަފާރިތަކަށް ކުއްޔަށް ދޫކުރާ އޮފީސް ޖާގަތަކަށެވެ.
މި އައު އޮފީސް ކޮމްޕްލެކްސް ހުޅުވުމަކީ ކުންފުނީގެ ދެމެހެއްޓެނިވި ކުރިއެރުމަށް ލިބޭ ބޮޑު ކުރިއެރުމެއްްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ. އެމްޓީޑީސީގެ އައު އޮފީސް އިމާރާތުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު، އެކުންފުނިން ދަނީ ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދަމުންނެވެ.