ޚަބަރު

އޭޝިއާ މީޑިއާ ސަމިޓްގެ ޕްރީ-ސަމިޓް ސެޝަންތައް ނިންމާލައިފި


  • މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓް އިންތިޒާމްކުރަނީ އޭ.އައި.ބީ.ޑީ އާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން

ރާއްޖޭގައި ބާއްވާ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް (އޭ.އެމް.އެސް) ރަސްމީކޮށް ފެށުމުގެ ކުރިން ބޭއްވި ޕްރީ-ސަމިޓް ސެޝަންތައް ކާމިޔާބީއާއެކު ނިންމާލައިފިއެވެ.

މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގުޅިގެން އިންތިޒާމުކުރާ ސަމިޓެކެވެ. "މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓް ކުރިއަށްދާނީ މެއި 11 އިން 14 އަށް ވިލާ ނޯޓިކާގައެވެ.

މި ސަމިޓާއި ގުޅިގެން ޚާއްޞަ ފަސް ވޯކްޝޮޕެއް ވިލާ ނޯޓިކާ އާއި، ހުޅުލެ އައިލެންޑް ހޮޓެލް އަދި މެންހަޓަން ބިޒްނަސް ހޮޓެލްގައި އެއްވަގުތެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގައި މީޑިއާގެ މުސްތަޤްބަލާ ގުޅުންހުރި މުހިންމު ދާއިރާތަކަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާގައި މީހުން ބައިވެރިކުރުވުމުގެ އުކުޅުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ޒަމާނުގައި އުފެދެމުންދާ އައު ޓެކްނޮލޮޖީތަކާއި، ޑިޖިޓަލް މީޑިއާއަށް އޮތް އިތުބާރު ވަރުގަދަކުރުމާއި، މޫސުމީ ބަދަލުތަކާއި ކާރިސާތަކަށް ތައްޔާރުވެފައިވާ ނޫސްވެރިކަމުގެ އިތުރުން، ޚަބަރު އުފެއްދުމަށާއި ވިޝުއަލް ސްޓޯރީޓެލިންގްއަށް ބޭނުންކުރާ އޭއައި ވަސީލަތްތައް ހިމެނެއެވެ.

ސޯޝަލް މީޑިއާގެ އުކުޅުތަކާބެހޭ ވޯކްޝޮޕްގައި ބޮޑަށް އަލިއަޅުވާފައިވަނީ އޯޑިއަންސް އިތުރުކުރުމާއި، ޑިޖިޓަލް ވާހަކަ ކިޔައިދިނުމާއި، ކުރު ވީޑިއޯ އުފެއްދުމާއި، އިންފްލުއެންސަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، މީޑިއާ އިދާރާތަކުން ޑޭޓާ ބޭނުންކޮށްގެން ކެމްޕޭންތައް ރޭވުމަށެވެ. ހަމައެއާއެކު، ބްރޯޑްކާސްޓިންގް ދާއިރާއަށް ބަދަލުތައް ގެންނަމުންދާ އޭއައި އޮޓޮމޭޝަނާއި، ކްލައުޑް ޕްރޮޑަކްޝަނާއި، އަދި މީޑިއާގެ އައު އުމްރާނީ ވަސީލަތްތަކާ ބެހޭގޮތުންވެސް މައުލޫމާތު ފޯރޮކޮށްދީފައިވެއެވެ.

ޑިޖިޓަލް އިތުބާރާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގައި ނޫސްވެރިކަމަށް އޭއައިގެ ސަބަބުން ކުރިމަތިވާ ނޭދެނޭ ގޮންޖެހުންތަކާއި، ސައްހަ ނޫން މައުލޫމާތު ފެތުރުމާއި، އަދި އެޑިޓޯރިއަލް މިނިވަންކަން ހިފެހެއްޓުމާ ބެހޭގޮތުން ބައިވެރިން ވާހަކަދެއްކިއެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކާ ގުޅޭ ވޯކްޝޮޕްގައި ރާއްޖެ ފަދަ ޤައުމުތަކަށް ހުރި ނުރައްކާތަކަށް އަލިއަޅުވާލައި، ކާރިސާތަކުގެ ޚަބަރު ޒިންމާދާރުކަމާއެކު ރިޕޯޓްކުރާނެ ގޮތުގެ ތަމްރީނު ދީފައިވެއެވެ. އޭއައި ވަސީލަތްތަކާ ބެހޭ ވޯކްޝޮޕްގައި ބައިވެރިންނަށް ވަނީ އޭއައި ބޭނުންކޮށްގެން ސްކްރިޕްޓް ލިޔުމާއި، މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމާއި، އަދި ގްރަފިކްސް އުފެއްދުމުގެ އަމަލީ ތަމްރީނުތަކެއް ދީފައެވެ.

އޭޝިއާ-ޕެސިފިކް ސަރަހައްދުގެ އެކި ޤައުމުތަކުން ވަޑައިގެންނެވި ބައިވެރިން ވަނީ ބައިނަލްއަޤްވާމީ މާހިރުން ހިއްސާކުރެއްވި މައުލޫމާތުތަކަށް ޝުކުރުއަދާކޮށްފައެވެ. މި ސަމިޓްގައި މުޅި ޖުމްލަ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، އޭގެ ތެރެއިން 80 އިންސައްތައަކީ ރާއްޖޭން ބޭރުން ވަޑައިގެންނެވި ބޭފުޅުންނެވެ. އޭޝިއާ މީޑިއާ ސަމިޓް ރަސްމީކޮށް ހުޅުވާނީ މެއި 12 ގައެވެ. އަދި ސަމިޓްގެ ސެޝަންތައް މެއި 13 ގެ ނިޔަލަށް ކުރިއަށްދާއިރު، މެއި 14 ވަނަ ދުވަހު ކުޑަގިރީގައި ބާއްވާ ޚާއްޞަ މުރަކަ އިންދުމުގެ ހަރަކާތަކުން ސަމިޓް ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.