މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ތެލުގެ އަގުތައް އިންތިހާއަށް ބޮޑުވުމާ ގުޅިގެން، އިންޑިއާއިން ބޭރުވާ ފައިސާ މަދުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފިއެވެ.
މިދިޔަ ފެބްރުއަރީ 28ގައި އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ އާއެކު، ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އެ ކަނޑުއޮޅި ހުރަސްނުކުރެވި، މެދުއިރުމަތީގައި ތެލުގެ ސަޕްލައިގެ ބޮޑު އިންސައްތައެއް ތާށިވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.
ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، އިންޑިއާއިން ބޭރުވާ ފައިސާ އެހެން ގޮތްގޮތުން ސަލާމަތް ކުރަންޖެހޭ ކަމަށް މޯދީ ވިދާޅުވިއެވެ.
މިގޮތުން، ޤައުމުން ބޭރަށް ކުރާ ދަތުރުތައް މަދުކުރުމާއި، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ބޭރުން މުދާ ގެނައުން މަދުކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް މޯދީ ވަނީ ހުށަހަޅުއްވައިފައެވެ.
އަދި ތެލަށް ކުރާ ޚަރަދު ކުޑަކޮށް، ތެޔޮ އިޤްތިޞާދު ކުރުމުގެ ގޮތުން ވީހާވެސް ބޮޑަކަށް ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރުމަށް މޯދީ ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.
މީގެއިތުރުން، ކައިވެނިތަކަށް ރަން ގަތުމާއި، ކައްކާ ތެޔޮ ބޭނުންކުރުން މަދުކުރުމާއި، މަދުވެގެން އެއް އަހަރު ދުވަހަށް، ޗުއްޓީ ހޭދަކުރުމަށް ޤައުމުން ބޭރަށް ނުދިޔުމަށް ވެސް މޯދީ ގޮވައިލެއްވިއެވެ.
މޯދީ ވަނީ، ދަނޑުވެރިކަމުގައި ގަސްކާނާ ބޭނުންކުރާ މިންވަރު، ދެ ބައި ކުޅަ އެއްބައި މަދުކުރުމަށް ވެސް ދަނޑުވެރިންނަށް ގޮވާލައްވައިފައެވެ.
މޯދީ ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކުގެ އެންމެ ބޮޑު ބޭނުމަކީ، މި ދަތި ޙާލަތުގައި ބޭރު ފައިސާ އިންޑިއާގެ އިޤްތިޞާދުގެ ތެރޭގައި ވީހާވެސް ބޮޑަކަށް ހިފެހެއްޓުމެވެ.
އިންޑިއާއަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޤައުމެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް އުފުލިފައިވީނަމަވެސް، ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް ބޮޑުކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށް މޯދީ ވަނީ މީގެކުރިން ވިދާޅުވެފައެވެ.