ޚަބަރު

ބީބީސީން ނުދެއްކި ޣައްޒާ ޑޮކިއުމެންޓްރީއަށް ބަފްޓާ އެވޯޑް


ބީބީސީއިން ދެއްކުމަށް ދެކޮޅުހެދި ‘ޣަައްޒާ: ޑޮކްޓަރސް އަންޑަރ އެޓޭކް’ އުފެއްދި ޕްރޮޑިއުސަރުންނަށް ބަފްޓާ އެވޯޑު ލިބިއްޖެއެވެ. އެ ޑޮކިޔުމެންޓްރީ ހެދި މީހުންނަށް އެވޯޑް ލިބިފައި ވަނީ ކަރަންޓް އެފެއާޒްގެ ދާއިރާއިންނެވެ.

‘ޣަައްޒާ: ޑޮކްޓަރސް އަންޑަރ އެޓޭކް’ ޑޮކިޔުމެންޓްރީގައި ޣައްޒާގައި ޙަރަކާތްތެރިވާ ޞިއްޙީ މަސައްކަތްތެރިންގެ ތަޖުރިބާ ކިޔައިދީފައިވެއެވެ. އެ ޑޮކިޔުމެންޓްރީ ތައްޔާރު ކުރުމަށް ބޭސްމެންޓް ފިލްމްސް ކިޔާ ޕްރޮޑަކްޝަން ކުންފުންޏަކަށް މީގެ އަހަރެއްހާ ދުވަސް ކުރިން ޙަވާލުކޮށްފައި ވަނީ ބީބީސީއިންނެވެ. ނަމަވެސް އެ ޑޮކިޔުމެންޓްރީ ތައްޔާރުކުރުމުން ބީބީސީއިން ވަނީ އެ ފިމްލު ނުދެއްކުމަށް ނިންމާފައެވެ. ބީބީސީއިން އެ ގޮތަށް ނިންމީ އެ ޑޮކިޔުމެންޓްރީގައި ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށާއި، އެއީ ބީބީސީގެ ބެލުންތެެރިން ބޭނުންވާ މަތީ މިންގަނޑަށް ނުފެތޭ ފިލްމެއް ކަމަށް ބުނެއެވެ.

ބީބީސީއިން އެ ޑޮކިޔުމެންޓްރީ ދެއްކުމަށް ދެކޮޅު ހެދުމުން އެ ފިލްމުގެ ހައްޤު ފަހުން ވަނީ ޗެނަލް 4އިން ހޯދާފައެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ޗެނަލްއިން ވަނީ އެ ޑޮކިޔުމެންޓްރީ ދައްކައިފައެވެ.

އެވޯޑާ ޙަވާލުވަމުން ޑޮކިޔުމެންޓްރީގެ އެކްސެކިޔުޓިވް ޕްރޮޑިއުސަރ، ބެން ޑި ޕިޔަރ ވަނީ އެ ޑޮކިޔުމެންޓްރީ ތައްޔާރުކުރުމުގައި ބައިވެރިވި ނޫސްވެރިންނަށް ޝުކުރު ޢަދާކޮށްފައެވެ. އޭނާގެ ވާހަކައިގައި ވަނީ ބީބީސީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ނޫސްވެރިޔާ އަދި ޕްރެސެންޓަރ، ރަމިތާ ނަވާއި ވެސް ވަނީ ބީބީސީއަށް ފާޑުކިޔައިފައެވެ. ޑޮކިޔުމެންޓްރީގައި ހިމަނާފައިވާ ހޯދުންތަކަކީ ބީބީސީއިން އެ ކަމަށް ޚަރަދުކޮށްގެން ހޯދާފައިވާ ހޯދުންތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ޣައްޒާގެ ޞިއްޙީ ނިޒާމަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކާ ގުޅޭގޮތުން ހަނު ނުތިބޭނެ ކަމަށާއި، އެ ކަން ނުފޮރުވާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. ޗެނަލް 4އިން އެ ޑޮކިޔުމެންޓްރީ ދައްކާފައިވާތީ އޭނާ ވަނީ އެ ޗެނަލްއަށް ޝުކުރު ޢަދާކޮށްފައެވެ.

ނަވާއީ ބުނީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި 1،700އަށްވުރެ ގިނަ ޑޮކްޓަރުންނާއި ޞިއްޙީ މަސައްކަތްތެރިން ޝަހީދުވެފައިވާ ކަނަށެވެ. އަދި 400އަށްވުރެ ގިނަ ޞިއްޙީ މަސައްކަތްތެރިން ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުކޮށްފައިވާ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. ޑޮކިޔުމެންޓްރީއަށް ލިބުނު އެވޯޑް އޭނާ ޚާއްޞަ ކުރީ ޔަހޫދީ ޖަލުތަލުގައި ތިބި ފަލަސްޠީނުގެ ޞިއްޙީ މަސައްކަތްތެރިންނަށެވެ.