ޚަބަރު

ޔަހޫދީން ފަލަސްޠީނާއި ލުބުނާނުގައި ހިންގާ ޖަރީމާތަކަށް އިތުރު ސިފައިން ހޯދަނީ


ފަލަސްޠީނާއި ލުބުނާނުގައި ޖަރީމާ ހިންގުމަށް ޔަހޫދީ ލަޝްކަރަށް މިހާރުން މިހާރަށް އިތުރު ސިފައިން ބޭނުންވާ ކަމަށް ޔަހޫދީ އަސްކަރިއްޔާގެ އިސްވެރިޔާ ބުނެފިއެވެ.

ޔަހޫދީން ދަނީ ފަލަސްޠީނުގެ ޣައްޒާގެ އިތުރުން ލުބުނާނާއި އީރާނާ ދެކޮޅަށް ވެސް ޙަމަލާތައް ދެމުންނެވެ. ބައެއް ސަރަޙައްދުތަަކަށް ޙަމަލާ ދިނުން މެދުކަނޑައިލުމުގެ އެއްބަސްވުންތައް ޤާއިމްކޮށް އެ އެއްބަސްވުންތަކަށް ނަމެއްގައި ޢަމަލުކުރަަމުންދާ ނަމަވެސް، ޔަހޫދީން ދަނީ އެއްބަސްވުންތަކާ ޚިލާފަށް ތަކުރާރުކޮށް ޙަމަލާތައް ދެމުންނެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 72،740 މީހުން ޝަހީދުކޮށްލާފައިވެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުން ފެށިގެން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ނަމެއްގައި ޢަމަލުކުރަން ފެށި ފަހުން ވެސް ޣައްޒާގައި މިހާތަނަށް 854 މީހުން ޝަހީދުކޮށްލާފައިވެއެވެ.

ޔަހޫދީން ލުބުނާނަށް ދެމުންދިޔަ ޙަމަލާތައް ނަމެއްގައި މެދުކަނޑައިލާފައި އޮތުމަށް ފަހު، މެދުއިރުމަތީގެ ހަނގުރާމައާއެކު ވަނީ އަނެއްކާ ވެސް އެ ޤައުމަށް ޙަމަލާ ދޭން ފަށައިފައެވެ. އެ ޙަމަލާތަކުގައި 2،846 މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި އެ ޙަމަލާތަކުގައި 8،693 މީހުންނަށް ޒަޚަމްވެފައިވެއެވެ. އޭގެ އިތުރުން އެއް މިލިޔަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. އީރާނާއެކު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް ޤާއިމް ކުރުމަށް ފަހު، ލުބުނާނަށް ޙަމަލާ ދިނުން ވެސް މެދުކަނޑައިލުމަށް ޔަހޫދީން ވަނީ އޭޕްރިލް މަހުގެ 17ވަނަ ދުވަހު އެއްބަސްވެފައެވެ. ނަމަވެސް ޔަހޫދީން ގެންދަނީ އެއްބަސްވުމާ ޚިލާފަށް ކޮންމެ ދުވަހަކު ވެސް ލުބުނާނަށް ޙަމަލާތައް ދެމުންނެވެ. ޔަހޫދީން ވަނީ ލުބުނާނުގެ ދެކުނުަ ސަރަޙައްދުތައް އިސްތިއުމާރުކޮށްފައެވެ. އަދި ޔަހޫދީ ބިންތަކުގައި “ބަފަރ ޒޯން”އެއް ވެސް ޤާއިމްކޮށްފައިވެއެވެ.

ލުބުނާނާއެކު ބަދަލުކުރަމުންދާ ޙަމަލާތަކުގައި ޔަހޫދީ ސިފައިންގެ މީހެއް ވަނީ މެއި މަހުގެ 10ވަނަ ދުވަހު މަރުވެފައެވެ. އޭނާ މަރުވީ ޔަހޫދީ ދައުލަތުގެ އުތުރުގެ ސަރަޙައްދަކަށް ޙިޒްބުاللهއިން ދީފައިވާ ޑްރޯން ޙަމަލާއެއްގައެވެ.

ޔަހޫދީންނާއި ލުބުނާނާ ދެމެދު ޞުލްޙައިގެ މަޝްވަރާތައް މި މަހުގެ 14ވަނަ ދުވަހާއި 15ވަނަ ދުވަހު އެމެރިކާގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.