އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ހެލްތު އެންޑް މީޑިއާ މިނިސްޓަރ ޑރ. ނަލިންދާ ޖަޔަތީސާ ރާއްޖެވަޑައިގެންފިއެވެ.
އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާ ގުޅިގެން މިއަހަރުގެ ސަމިޓް ދިވެހިރާއްޖޭގައި އިންތިޒާމް ކުރަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިންނެވެ. މިއަހަރުގެ ސަމިޓުގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް އިއްޔެ ފަށާފައިވާއިރު، ސަމިޓް ރަސްމީކޮށް ފަށާނީ މިއަދެވެ. މި ސަމިޓު ކުރިއަށްދާނީ މިމަހުގެ 11 އިން 14 ވިލާ ނޯޓިކާ ރިސޯޓުގައެވެ.
މިއަހަރުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ހެލްތު އެންޑް މީޑިއާ މިނިސްޓަރ ޑރ. ނަލިންދާ ޖަޔަތީސާ ރާއްޖެވަޑައިގަތުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޢަބްދުﷲ ޔާމީނެވެ.
އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް"އެވެ.
އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ބްރޯޑްކާސްޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެންމެ އިސް ފެންވަރުގައި ހަރަކާތްތެރިވެވަޑައިގަންނަވާ 200 އަށްވުރެ ގިނަ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެއެވެ.
މި ސަމިޓްގެ ޕްލިނަރީ ސެޝަންތައް މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، ސަމިޓް ނިންމާލާނީ، މިމަހުގެ 14ވަނަ ދުވަހު ކުޑަގިރީގައި ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތުންނެވެ.
މި ސަމިޓަކީ، އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމުތަކުގެ ބްރޯޑްކާސްޓިންގއާ ގުޅޭ އިސް މަސްއޫލްވެރިން އެއްމޭޒަކަށް ވަޑައިގެން، ސަރަޙައްދުގައި އަދި ވަކިވަކި ޤައުމުތަކުގައި ޒިންމާދާރު އަދި ޖީލުތަކަށް މަންފާހުރި ބްރޯޑްކާސްޓިންގ ޚިދުމަތެއް ދިނުމާގުޅޭގޮތުން މަޝްވަރާކުރެވި، ކުރިއެރުމުގެ އައު އަމާޒުތައް ކަނޑައެޅުމާއި ދާއިރާއިން ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ.
މިއީ އޭޝިއާ ޤައުމުތަކުގެ ބްރޯޑްކާސްޓަރުންގެ މެދުގައި ސަރަޙައްދީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.