ޚަބަރު

މަޢުލޫމާތު ފެތުރުމުގައި ސައްހަކަމާއި އިތުބާރު ދަމަހައްޓަންޖެހޭ


  • ސައްހަކަމާއެކު މަޢުލޫމާތު ފެތުރުމަކީ ހަމަޖެހުން ޤާއިމުކުރެވޭނެ ކަމެއްކަމަށް ވިދާޅުވި

  • މީޑިއާއަކީ ޤައުމީ ފެންވަރުގެ މުހިންމު ބައިވެރިއެއްކަމަށް ވިދާޅުވި

ޑިޖިޓަލް މާހައުލުގައި މަޢުލޫމާތު ފެތުރޭ ދުވެލި ހަލުވިވެފައިވާއިރު، ޚަބަރާއި މަޢުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަކީ މާލީ ނިޒާމާއި މުޅި އިޤްތިޞާދުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ވިލާނޯޓިކާގައި މިއަދު ފެށި އޭޝިއާ މީޑިއާ ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވީ މާލީ ދާއިރާއާއި މީޑިއާ ދާއިރާއަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ދާއިރާ ކަމަށެވެ.

މާލީ ނިޒާމަށް އޮންނަ އިތުބާރު މީޑިއާއާ ގުޅިފައިވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އާންމުންނާ ހަމައަށް ފޯރުކޮށްދެވޭ މަޢުލޫމާތުގެ ފެންވަރާއި ސައްހަކަމުގެ މައްޗަށް ބިނާކޮށް، މާލީ ނިޒާމަށް އޮންނަ އިތުބާރު ވަރުގަދަވުން ނުވަތަ އެ އިތުބާރަށް ލޮޅުން އެރުން ބިނާވެގެންވާ ކަމަށެވެ. އަދި މިއީ ހަމައެކަނި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް މުހިންމު ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ގައުމުގެ އިޤްތިޞާދުގެ ބިންގާ ކަމަށްވާ ބައިނަލްއަގުވާމީ ގުޅުންތަކަށްވެސް އަސަރުކުރާނެ ކަމަށެވެ. މީގެތެރޭގައި ކޮރެސްޕޮންޑެންޓް ބޭންކިންގ ގުޅުންތަކާއި، ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި، ތަރައްޤީއަށް މަސައްކަތްކުރާ އިދާރާތައް ހިމެނެއެވެ.

މީޑިއާގެ ދައުރަކީ ނުހަނު ބޮޑު މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާ ކަމެއްކަން ފާހަގަކުރައްވަމުން ސީއީއޯ ޝަރީފް ވިދާޅުވީ، ޚަބަރުތަކާއި މަޢުލޫމާތު ވަގުތުން އަދި ސައްހަކަމާއެކު ފެތުރުމަކީ އިތުބާރު ދެމެހެއްޓުމަށާއި ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ.

"ހަގީގަތާ ޚިލާފު މަޢުލޫމާތާއި ކަށަވަރުނުކޮށް ފަތުރާ ވާހަކަތަކުގެ ސަބަބުން، އެއްވެސް ބޭނުމެއްނެތް ނުތަނަވަސްކަން އުފެދި، އޭގެ ނޭދެވޭ އަސަރު އެންމެ މުއައްސަސާއަކަށް ކުރުމަށްވުރެ ބޮޑަށް މުޅި މުޖުތަމަޢަށް ފޯރުމުގެ ފުރުސަތު އޮވޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޓެކްނޮލޮޖީގެ ސަބަބުން މުއާސަލާތީ ގުޅުންތަކަށް ހަލުވިކަން އައި ނަމަވެސް، މަޢުލޫމާތުގެ ތެދުވެރިކަމާއި ފަންނީ އަޚުލާޤު ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އޭގެ ހަގީގީ މަޤުސަދަކީ އެންމެން ބައިވެރިކުރުމާއި، ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ފަހިކުރުމާއި، އިތުބާރު ޤާއިމުކުރުމުގެ އިތުރުން، އެމީހަކު ދިރިއުޅޭ ތަނަކަށް ބެލުމެއްނެތި ކޮންމެ މީހަކަށްމެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ ޝަރީފްގެ ވާހަކަފުޅުގައި، މީޑިއާއަކީ ޤައުމީ ފެންވަރުގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއާއި މީޑިއާގެ ދާއިރާ ކުރިއެރުވުމަށް އެ ބޭންކުން މާލީ އެހީތެރިކަމާއި ސްޕޮންސަރޝިޕްތަކުގެ އިތުރުން ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަންވެސް ހާމަކުރެއްވިއެވެ.

އޭޝިއާ މީޑިއާ ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން އިންތިޒާމުކުރާ ސަމިޓެކެވެ. "މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓް ކުރިއަށްދާނީ މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާގައެވެ. މި ސަމިޓްގެ މެއިން ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ.