ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކުރިއެރުމަށް އިންވެސްޓްކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ، ޞިއްޙީ ނިޒާމުގެ މައިބަދައަކީ ނަރުހުންކަން ޤަބޫލުކޮށް، ނަރުހުންގެ ސާބިތުކަމާއި ހުނަރުވެރިކަން ފާހަގަކޮށް އެކަން ބަލައިގަންނަން ޖެހޭކަމަށެވެ. ނަރުހުންގެ ވަރުބަލިކަމެއްނެތް ޚިދުމަތާއި އިޚްލާޞްތެރި މަސައްކަތުގެ ސަބަބުން، ކޮންމެ ދުވަހަކުވެސް ބަލިމީހުންނަށް އުފާވެރިކަމާއި، ޢާއިލާތަކަށް އުންމީދު، އަދި މުޖުތަމަޢަށް ދުޅަހެޔޮކަން ލިބިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
On this International Nurses Day, we honour the extraordinary nurses whose resilience and professionalism are at the heart of our healthcare system. Through their tireless service and selfless dedication, they bring comfort to the vulnerable, hope to families, and healing to… pic.twitter.com/pGkuq1FbAr
— First Lady Sajidha Mohamed (@sajidhaamohamed) May 12, 2026
މިއަހަރުގެ ނަރުހުންގެ ދުވަހުގެ މި ޝިޢާރަކީ ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކުރިއެރުމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ވަރުގަދަ މެސެޖެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ބަލިތަކުން ރައްކާތެރިވުމާއި، މަސައްކަތްކުރާނެ ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމާއި، އިތުރަށް ތަޢުލީމު ހާސިލްކޮށް ލީޑަޝިޕްގެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަރުހުން ކުރައްވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކަށާއި، އޯގާތެރިކަމާއި އަނެކުންނަށް އަޅާލުމުގައި ދައްކަވާ ނަމޫނާ ސާބިތުކަމަށްޓަކައި، ހުރިހާ ނަރުހުންނަށް އިޚްލާޞްތެރި ޝުކުރު ދަންނަވާކަމަށެވެ.
މިވަގުތުވެސް ރާއްޖޭގައި ޖުމްލަ 3,907 ނަރުހުން ދަނީ ޚިދުމަތް ދެމުންނެވެ. އޭގެތެރޭގައި އަންހެން 3,593 ނަރުހުން އަދި ފިރިހެން 314 ނަރުހުން މަސައްކަތް ކުރަމުންދެއެވެ.