އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއިން ލިބޭނެ އިންތިޒާމު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހަމަޖައްސަވައިފިއެވެ.
މީގެކުރިން މިބޭހަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރާއްޖެ އެތެރެކުރުން މަނާ ބޭހެކެވެ.
އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި، ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހުގެ ބާވަތެއްކަމަށްވާ މިތައިލްފެނިޑޭޓް ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާޙްގެންނެވުމަށް ރައީސުލްޖުމްހުރިއްޔާގެ ޤަރާރަކުން މިހާރުވަނީ ކަނޑައަޅުއްވާފައެވެ.
އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި، ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހުގެ ބާވަތެއްކަމަށްވާ މިތައިލްފެނިޑޭޓް މިއަދުން ފެށިގެން ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާޙްގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައިފި… pic.twitter.com/8K6LvFGWYm
— The President's Office (@presidencymv) May 12, 2026
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާމެދު، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، މަޖިލީހުން އެކަމަށް ރުހުން ދެއްވުމަށް ފެނިވަޑައިގަންވާކަމަށް މަޖިލީހުގެ ޖަލްސާއިން ފާސްކުރައްވާފައިވާތީއެވެ.
އޭޑީއެޗްޑީ ހުންނަ ފަރާތްތަކުގެ ފަރުވާގައި މުހިއްމު ބެހަކަށް މިބޭސް ހިމެނޭއިރު ރާއްޖެއިން މިބޭސް ލިބުމުގައި ހުރި ހުރަސްތަކަކީ އެކަން ތަޙައްމަލުކުރަމުންދާ ފަރާތްތަކާއި ފަރުވާގެ ނިޒާމުގައި ތިބި ފަރާތްތަކުގެ އޮތް ކަންބޮޑުވުމެކެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަންފަށާފައެވެ. އެހެންކަމުން މި އިޞްލާޙާއެކު، އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ދިވެހިރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.