ޚަބަރު

ޕީކޭ މޮޅުވެ ދެވަނަ ބުރުގެ ފޯރިގަދަވެއްޖެ


  • މުބާރާތުގެ ދެވަނަ ބުރުގައި ޕީކޭ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ

މިހާރު ކުރިއަށްދާ މާލެ ރީޖަނަލް ލީގު 2026 ގައި ކުލަބު ޕީކޭ އިން ބިސްބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު މުބާރާތުގެ ދެވަނަ ބުރުގެ ފޯރިގަދަވެއްޖެއެވެ. ޕީކޭ މެޗު ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.

މި މޮޅާއެކު ޕީކޭ މިވަނީ ބިސްބުރާއި ލޮރެންޒޯ ސްޕޯޓްސް ކުލަބާ އެއްވަރަށް ޕޮއިންޓް ހޯދާފައެވެ. އެއީ ތިން ޕޮއިންޓެވެ. މުބާރާތުގެ ދެވަނަ ބުރުގައި ޕީކޭ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ.

މޮޅުވާން މަޖުބޫރު މެޗަށްކަށް ނުކުމެ ޕީކޭއިން ވަނީ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮއްފައެވެ. މެޗުގައި ބިސްބުރަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗަށް ނުކުތް އިރު މުހިންމު ކުޅުންތެރިން ސަސްޕެންޑުވުމެވެ.

މެޗުގެ ފެނިގެންދިޔަ ހަމަ އެކަނި ލަނޑު ޕީކޭއަށް ކާމިޔާބުކޮއްދިނީ އޭރިއާތެރެއިން ލިބުނު ބޯޅައެއް މަޑުމަޑުން ގޯލަށް ވައްދާލައިގެން އަޖުމަލް އަހުމަދެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ބިސްބުރުން ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރިއެވެ. މި ހާފުގައި ޕީކޭގެ އަލީ ހުމެއިޒް އޭރިއާ ތެރެއަށްވަދެ ނަގައިދިން ބޯޅައެއް ގޯލާ ކައިރީގަ ހުރެފަ އަޖުމަލް ޖެހީ ބޭރަށެވެ.

މެޗުގެ 52 ވަނަ މިނިޓުގައި ބިސްބުރުގެ މުހައްމަދު ނަޝީދު އޭރިއާ ތެރެއަށް ހުސްކޮށް ހުރެ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ޕީކޭގެ ކީޕަރެވެ. ޕީކޭ ލީޑުފުޅާކުރުމަށް ޔޫހް ނަސީރު އާއި އަލީ ޝަމާލް އަބްދުﷲ ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. މި ދެޓީމު ކުޅުނު ފުރަތަމަ ބުރުގެ މެޗު ބިސްބުރު ކާމިޔާބު ކުރީ 5-4 ލަނޑުންނެވެ.