ޤަައުމީ ފުޓުބޯޅަ ޓީމުގައި ހިމެނޭ މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާވެ، ފަރިތަކުރުންތަކުގައި އެންމެ އެކަށީގެންވާ ގޮތަށް ބައިވެރިނުވެވޭތީ ކޯޗު އިސްޓަވާން އުރުބާނީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އަންނަ މަހު އެއްވަނަ ދުވަހު ރާއްޖޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން މިހާރު ވަނީ ފަރިތަކުރުންތައް ފަށާފައެވެ.
މި ފަރިތަކުރުންތަކުގައި މުހިންމު ބައެއް ކުޅުންތެރިން، ޙާއްސަ ގޮތެއްގައި ސީނިއަރ ބައެއް ކުޅުންތެރިން ބައިވެރިނުވާއިރު، ބައެއް ކުޅުންތެރިން ފަރިތަކުރުންތަކުގެ ބޮޑުބައެއް ކުރިއަށް ގެންދަނީ ވަކިން، ލުއި ގޮތެއްގައެވެ. ސަބަބަކީ މިފަހުން ކުޅުނު ބައެއް މުބާރާތްތަކުގައި އެ ކުޅުންތެރިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވުމެވެ.
އެގޮތުން މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ޓީމުގެ ކެޕްޓަން އަލީ ސަމޫޙް (ސަމުއްޓޭ) ބައިވެރިނުވާއިރު އަލީ އަޝްފާޤް (ދަގަނޑޭ) އާއި ހައިޝަމް ހަސަން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ ވަކިންނެވެ.
މިފަދަ ކަންކަމާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އުރުބާނީ ވަނީ، މިއީ ފާއިތުވީ ދެ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ފުޓުބޯޅަ ސީޒަން ފުރިހަމަކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްފައެވެ. މިއީ ކުޅުންތެރިންނަށް އޭގެ ފައިދާ އޮތް ކަމެއް ނަމަވެސް، ޤައުމީ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންނާ، ފާއިތުވީ މުއްދަތުގެ ތެރޭގައި ކުޅުނު ބައެއް މުބާރާތްތަކުގެ ސަބަބުން އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައިވާކަން އުރުބާނީ ފާހަގަކުރިއެވެ.
އޭގެ ތެރޭގައި ގައުމީ ކެޕްޓަނާއި އެހެން ބައެއް މުހިންމު ކުޅުންތެރިން ހިމެނޭކަން އުރުބާނީ ހާމަކުރިއެވެ.
""ފައިދާތަކެއް އެބަހުރި (ސީޒަން ފުރިހަމަކުރެވުނީމަ). އެކަމަކު މީގަ ވިސްނާލަންޖެހޭ އެހެން ބައެއް ކަންކަން ވެސް އެބަހުރި. މިސާލަކަށް، ދިވެހި ލީގަށްފަހު ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް އަދި އަތޮޅާއި ރީޖަނަލް ކޮލިފިކޭޝަންތަކާ އަދި ބައެއް ރަށްރަށުގައި ކުރިއަށްދިޔަ ބައެއް މުބާރާތްތަކަށްފަހު ޤައުމީ ސްކޮޑާ ގުޅުނު ބައެއް ކުޅުންތެރިން އެބަހުރި އަނިޔާގެ މައްސަލަތަކާ އެކު ޓީމާ ގުޅުނު. އަހަރުމެންގެ ކެޕްޓަން (ސަމޫހު) އަށް ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭ. އަހަރުމެންގެ މައި، ސެންޓްރަލް ޑިފެންޑަރު ހަފްތާތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފައި އެހުރީ. އޯވަލޯޑު ވެގެން ގޮސް".ޤައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ
ކަން މިހެން އޮތުމާއެކު، މެޗުތަކާއި މުބާރާތްތައް ތާވަލުކުރުމުގައި ބަދަލުތަކެއް ގެނެސް، ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރިކަމަށް އުރުބާނީ ބުންޏެވެ. ޙާއްސަ ގޮތެއްގައި ޤައުމީ ޓީމަށް ކުޅުންތެރިން ހުސްކުރަން، ތަމްރީނުތައް ކުރިއަށް ގެންދަން އެކަށީގެންވާ ވަގުތު ލިބޭގޮތަށް މުބާރާތްތައް ރާވަން ޖެހޭކަމަށް އުރުބާނީ ބުންޏެވެ.
ދިވެހި ފުޓުބޯޅަ މަތީ ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތުގައި މިފަދަ ކަންކަމާ މެދު އިތުރަށް ވިސްނައި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަކީ މުހިންމު ކަމެއްކަމަށް އުރުބާނީ ބުންޏެވެ.
އަދި ދަނޑުމަތީގައި ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކަން އެންމެން ވެސް "ޑިމާންޑް" ކުރާއިރު، އެ ކުޅުންތެރިންނަށް ފަހިކޮށްދީފައިވާ ފުރުސަތުތަކާއި އެ ކުޅުންތެރިންގެ ހާލަތާ މެދު ވިސްނަންޖެހޭކަމަށް ވެސް އޭނާ ބުންޏެވެ.
ކުޅުންތެރިންނަށް އަރާމުކުރަން އެކަށީގެންވާ ވަގުތު ނުލިބުމާއި، އަތޮޅު ތެރޭގައި ކުޅޭ ބައެއް މުބާރާތްތަކުގައި ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާގެ އެކި މައްސަލަތައް ކުރިމަތިވެފައިވާތީ އެކަމުގެ ކަންބޮޑުވުން ކޯޗު އުރުބާނީ ފާޅުކުރިއިރު، ފުރަތަމަ ޑިވިޝަނުގެ ބައެއް ކޯޗުން ވެސް މީގެކުރިން ވަނީ މިފަދަ ކަންބޮޑުވުންތަކެއް ފާޅުކޮސްފައެވެ.
ޙާއްސަ ގޮތެއްގައި ކުލަބުތަކަށް ކުޅޭ ބައެއް ކުޅުންތެރިން، އަތޮޅުތެރޭގައި އާއި މާލޭގައި އޮންނަ ބައެއް މުބާރާތްތަކުގައި، ޙާއްސަ ގޮތެއްގައި ބައެއް ފުޓްސަލް މުބާރާތްތަކުގައި ކުޅެ، ޓީމުގެ ފަރިތަކުރުންތަކާއި ބައެއް މެޗުތަކަށް ވެސް ނާންނަކަމަށް ބުނެ ކޯޗުން ކަންބޮޑުވުން ފާޅުކުރެއެވެ.