އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމުގެ ސަރަހައްދީ މަސައްކަތު ބައްދަލުވުމެއް ރާއްޖެގައި ފަށައިފިއެވެ. މި ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 12 އިން 14އަށެވެ.
ގަވާއިދާ ޚިލާފަށް މީހުން އެތެރެކުރުމާ ގުޅޭ މަޢުލޫމާތު އެއްކުރުމަށް ފަށާފައިވާ މި ބައްދަލުވުމަކީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، ޔުނައިޓެޑް ނޭޝަންސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީ ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގެ މަޤްސަދަކީ، ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރުމާއި، ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުމާ ގުޅޭ މައުލޫމާތު އެއްކުރުމާއި، ދިރާސާކުރުމުގެ އިތުރުން، ގައުމުތަކުގެ މެދުގައި އެ މައުލޫމާތު ހިއްސާކުރުން ހަރުދަނާކުރުންކަމަށް ދާޚިލީ ސަލާމަތާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެއިތުރުން، އެފަދަ ކަންކަން ހިނގާ ގޮތް ދެނެގަތުމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ތަހުގީގުތަކަށް އެހީތެރިވުމަށާއި، ހަރުދަނާ ސިޔާސަތުތައް އެކުލަވައިލުމަށް އެކި ގައުމުތަކާއެކު މުހިންމު މަޝްވަރާތައް ކުރުމަކީވެސް މި ބައްދަލުވުމުގެ މަޤްސަދެކެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ބައްދަލުވުމުގައި 6 ގައުމަކުން ބައިވެރިވާކަމަށެވެ. އެގޮތުން، ދެކުނު އޭޝކިޔާގެ ގައުމުތަކުގެ ތެރެއިން އިންޑިއާ، ބޫޓާން، ނޭޕާލް، އަދި ބަންގްލަދޭޝްގެ މަންދޫބުންގެ އިތުރުން، އެންޓި-ޓިޕް އޮފީހާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ މަންދޫބުން ބައިވެރިވެއެވެ.
އެ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ފައިރޫޝް ވަނީ، ގަވާއިދާ ޚިލާފަށް މީހުން އެތެރެކުރުންފަދަ ކުށްތައް ހުއްޓުވުމުގައި ސަރަހައްދީ އެއްބާރުލުމާއި ހެކީގެ މައްޗަށް ބިނާވެފައިވާ އުސޫލުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީހުން ޓްރެފިކް ކުރުމާއި ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުމާ ގުޅޭ މައުލޫމާތު އެއްކުރުމާ ބެހޭ ސަރަހައްދީ މަސައްކަތު ބައްދަލުވުމެއް މިއަދު ހުޅުމާލޭގައި ފަށައިފި.
— Ministry of Homeland Security, Labour & Technology (@HomeMinistrymv) May 12, 2026
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އާއި UNODC ގުޅިގެން، ކުރިއަށް ގެންދާ މި… pic.twitter.com/44vh15szma
އެ ވުޒާރާއިން ވިދާޅުވީ، ރާއްޖެއަށް ބަލާއިރު، މިއީ ގައުމީ ފެންވަރުގައި މިފަދަ ކަންކަމާގުޅޭ މައުލޫމާތު ވިލަރެސްކުރުން ވަރުގަދަކުރުމަށާއި، މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށާއި، ހެކީގެ މައްޗަށް ބިނާކޮށް އިންސާނީ ވަގުފާރިއާއި މީހުން އެތެރެކުރުމާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށެވެ.
އަދި ބޯޑަރު ހުރަސްކޮށް ހިންގާ މިފަދަ ޖަރީމާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސަރަހައްދީ ބައިވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖެއަށް މިކަމުގެ ސަބަބުން ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.