ޚަބަރު

އޮކްޓޯބަރު 7ގެ ޙަމާލާގެ ބައިވެރިންނަށް މަރުގެ އަދަބު ދޭން ޤާނޫނެއް ފާސްކޮށްފި


ޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް ދެމުންދިޔަ އަނިޔާތަކަށް ކެތް ނުކުރެވިގެން ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީންނަށް ދިން ޙަމަލާގައި ބައިވެރިންނަށް މަރުގެ އަދަބު ދިނުމަށް ޔަހޫދީ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ބިލު ފާސްކޮށްފައި ވަނީ 120 މެންބަރުންގެ މައްޗަށް އެކުލެވޭ ޔަހޫދީންގެ ޤާނޫނުހަދާ މަޖިލީހުގެ 93 މެންބަރުންގެ ވޯޓާއެކުަގައެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ. ބާކީ ތިބި 27 މެންބަރުންގެ ތެރެެއިން ބައެއް މެންބަރުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ދެން ތިބި މެންބަރުން މަޖިލީހަށް ހާޒިރުވެފައެއް ނުވެއެވެ.

ހައްްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ވަނީ އެ ބިލުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމަށް މާ ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ފާހަގަކޮށްފައެވެ. އަދި އެ ބިލުގެ ސަބަބުން އިންސާފުވެރި ޝަރީޢަތެއް ކަށަވަރުކުރުމަށް މަގުފަހިކޮށްދޭ ޤާނޫނީ ރައްކާތެރިކަން ގެއްލިގެންދާނެ ކަމަށް ވެސް އެ ޖަމްޢިއްޔާތަކުން ބުނެފައިވެއެވެ. އެ ޤާނޫނު ފަރުމާކޮށްފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަކީ ކުށްވެރިންގެ ގޮތުގައި ކޯޓުތައް މެދުވެރިކޮށް ނިންމުމަށް ފަސޭހަވެގެންދާނެ ގޮތަށް ކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައި ވެސް ވެއެވެ.

އައު ޤާނޫނުގެ ދަށުން އާންމު ގޮތެއްގައި ބަލައިނުގަންނަ ފަދަ ހެކި ބޭނުންކޮށްގެން އެއްފަހަރާ ގިނަ ޢަދަދެއްގެ މީހުންނާ ދެކޮޅަށް ޝަރީޢަތް ހިންގުމަށް ފުރުޞަތު ލިބިގެންދާނެ އެވެ. އޭގެ ސަބަބުން ބަލައިގަންނާނެ ހެކިތަކަކީ ކޮބައިކަން ނިންމުމުގެ ބާރު ފަނޑިޔާރުންނަށް ފުޅާކޮށް ލިބި، ބިރުދައްކައިގެންނާއި އަނިޔާކޮށްގެން ހޯދާ ހެކި ބޭނުންކުރުމަށް މަގުފަހިވާނެ ކަމަށް ޤާނޫނީ ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އެ ޤާނޫނަކީ އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށާއި އިންސާފުވެރި ޝަރީޢަތެއް ހިންގުމަށް ޤާއިމްކޮށްފައިވާ ބައިނަލްއަޤްވާމީ އުސޫލުތަކާ ފުށުއަރާ ޤާނޫނެއް ކަމަށް ވެސް ކަމާ ގުޅޭ މާހިރުން ވަނީ ފާހަގަކޮށްފައެވެ.

އޮކްޓޯބަރު 7ގެ ޙަމަލާގެ ބައިވެރިންނަށް މަރުގެ އަދަބު ދިނުމުގެ އިތުރުން ކޯޓުތަކުގައި ޝަރީޢަތް ކުރަމުންދާ ވަގުތު އެ ޝަރީޢަތްތަކުގެ ބައެއް މުހިންމު މަރުހަލާތައް ރެކޯޑުކުރުމާއި ޚާއްޞަ ވެބްސައިޓެެއްގައި އެ ވީޑިޔޯތައް ދެއްކުމަށް ވެެސް އަލަށް ފާސްކުރި ޤާނޫނުގެ ދަށުން ޔަހޫދީންނަށް ފުރުޞަތު ލިބިދެއެވެ. އެ ގޮތުން ޝަރީޢަތް ހުޅުވާ އަޑުއެހުންތަކާއި، ފަނޑިޔާރުން ގޮތް ނިންމާ ވަގުތާއި ހުކުމް ކުރާ ވަގުތު ހިމެނެއެވެ. މި ނިންމުމަކީ, ކަމެއް ސާބިތުކުރެެވެން ދެން ތުހުމަތު ރައްދުވާ ފަރާތަކީ މައުސޫމް މީހެއްގެ ގޮތުގައި ބަލައި ބެލުމަށް ހުރަސްއެޅޭ ކަމެއް ކަމަށް ޤަނޫނީވަކީލުން ފާހަގަކުރެއެވެ. އަދި އިންސާފުވެރި ޝަރީޢަތެއްގެ ހައްޤާއި ކަރާމާތުގެ ހައްޤަށް އެ ޤާނޫނުގެ ސަބަބުން އުނިކަން ލިބޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ދިން ޙަމަލާގައި ހައްޔަރުކޮށްފައިވާ މީހުން ހިމެނޭ ގޮތަށް އެ މީހުންނާ ދެކޮޅަށް މިހާތަނަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާ 300އެއްހާ މީހުން ޔަހޫދީ ޖަލުތަކުގައި އެބަ ތިއްބެވެ.

އޮކްޓޯބަރު 7ގެ ޖިހާދީ ޙަމަލާގެ ބަދަލުގައި ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޢުދުވާން ފަށައި، 72.628 މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަޫދީންނާއި ޙަމާސްއާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޝަހީދުކޮށްލާފައިވާ 846 މީހުން ވެސް ހިމެނެއެވެ. ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން މުޅި ސަހަރު ވަނީ ސުންނާފަތިވެފައެވެ.