ޚަބަރު

ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނިއްޖެ


  • މިހާރުދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުން

  • ރާއްޖެއިން ހިމަބިހި ނައްތާލިކަން ޑަބްލިއުއެޗްއޯއިން ޢިއުލާންކޮށްފައިވަނީ 2017 ވަނަ އަހަރު

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހީގެ 2 ކޭސް މާލެ ސަރަޙައްދުން ފެނިއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ ހިމަބިހި ނުވަތަ މީސްލްސްގެ ކެސްތައް ފެނިފައިވަނީ މިހަފްތާގެ ތެރޭގައިކަމަށެވެ.

މާލެ ސަރަޙައްދުން ހިމަބިހީގެ 2 ކޭސް މިހަފްތާގެ ތެރޭގައި ފެނުމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފަށާފައިވަކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން އާންމުކޮށްވެސް އަމަލުކުރަ އުސޫލުން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއި ދިމާވި ކޮންޓެކްޓުންނަށް ވެކްސިންދިނުން މިހާރު ކުރިއަށްދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 5 ކޭސްވަނީ ރާއްޖެއިން ފެނިފައެވެ. މީގެތެރެއިން 2 މީހުންނަކީ ރާއްޖެއިން ބޭރުން އައި މީހުންގެތެރެއިން ބަލި ހުރި 2 މީހުންނެވެ. ހަމައެއާއެކު މިދުވަސްވަރަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވެސް ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާ ދުވަސްވަރެއްކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އެހެންކަމުން މިދުވަސްވަރު ހުން އައިސް، ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިމަބިހިން ރައްކާތެރިވުމަށް 1983 ވަނަ އަހަރުން ފެށިގެން ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެންވަނީ ވެކްސިންދޭން ފަށާފައެވެ. މިމަސައްކަތުގެ ދަށުން 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ހިމަބިހީގެ ކޭސްތަކެއް ފެނިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރް ވެކްސިންގެ ކެމްޕޭނެއްވަނީ ކުރިއަށްގެންގޮސްފައެވެ.