ނިއުކްލިޔަރ ހަތިޔާރެއް އުފުލުގެ ޤާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލެއް ކާމިޔާބުކަމާ އެކު ޓެސްޓުކޮށްފައިވާ ކަމަށް ރަޝިޔާގެ ރައީސް ވްލެޑިމީރް ޕޫޓިން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ މިސައިލްގެ ގޮތުގައި ސިފަކުރައްވައި، ޕޫޓިން ވިދާޅުވީ މި މިސައިލް މި އަހަރު ނިމުމުގެ ކުރިން ހަނގުރާމައަށް ނެރެވޭނެ ކަމަށެވެ.
މި މިސައިލަކީ ހުޅަނގުން އުފައްދާފައިވާ މިސައިލްތަކާ އަޅާބަލާއިރު ހަތަރު ގުނަ ބާރުގަދަ މިސައިލެއް ކަމަށާއި، ދުނިޔޭގައި މިހާރު ހުރި ހުރިހާ ވައިގެ ދިފާއީ ނިޒާމުތައް މި މިސައިލް ފޫއަޅުވާލާނެކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.
"ސަރުމަތު"ގެ ނަމުން ނަން ދީފައިވާ މި މިސައިލް 35،000 ކިލޯމީޓަރާ ހަމައަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
މި މިސައިލް އުފެއްދުމުގެ މަސައްތް ރަޝިޔާއިން ފެށީ 2011ވަނަ އަހަރުގެ ތެރޭގައެވެ. މިގޮތުން، 2024ވަނަ އަހަރު އެ މިސައިލް ޓެސްޓުކުރުމުގެ ތެރޭގައި ބާރުގަދަ ގޮވުމެއް ގޮވައި، އެ ޓެސްޓު ވަނީ ނާކާމިޔާބުވެފައެވެ.
މިހާ ބާރުގަދަ މިސައިލެއް ހަނގުރާމައަށް ނެރުމަށް ރަޝިޔާއިން ތައްޔާރުވަމުންދަނީ، ނިއުކްލިޔަރ ހަތިޔާރު ގެންގުޅެވޭ ޢަދަދު ކަނޑައަޅައި، 2010ވަނަ އަހަރުން ފެށިގެން އެމެރިކާ އާއި ރަޝިޔާއިން ޢަމަލުކުރަމުންދިޔަ އެއްބަސްވުމުގެ މުއްދަތު ވެސް ހަމަވެފައިވާ ދަނޑިވަޅެއްގައެވެ.
"ސްޓާރޓް"ގެ ނަމުގައި ނިއުކްލިޔަރ ހަތިޔާރު ގެންގުޅެވޭ ޢަދަދު ކަނޑައަޅައި، ރަޝިޔާ އާއި އެމެރިކާއިން 2010ވަނަ އަހަރުގެ ތެރޭގައި ސޮއިކޮށްފައިވާ އެއްބަސްވުން 5 ފެބްރުއަރީގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެ އެއްބަސްވުމުގެ ދަށުން، ދުރު ހިސާބުތަކަށް ޙަމަލާދެވޭ ޤާބިލުކަން ހުންނަ ނިއުކްލިޔަރ ހަތިޔާރުގެ ޢަދަދު ވަނީ 1،550އަށް ލިމިޓުކޮށްފައެވެ.
އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން، އަސްކަރީ މަޝްވަރާތައް ކުރިއަށް ގެންދަން ރަޝިޔާ އާއި އެމެރިކާއިން އެއްބަސްވެފައިވީ ނަމަވެސް، އެކަމުގައި އަދި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.