ޑިފެންޑަރު ޑެނީ ކަވަހާލް އާއި ފޯވަޑް އަލްވާރޯ މޮރާޓާ އަދި ޕައުލޯ ދީބާލާ އަށް ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
ރެއާލް މެޑްރިޑްގެ ކެޕްޓަން ކަވަލާހް އާއި އިޓަލީގެ ކޯމޯ އަށް ކުޅޭ މޮރާޓާ ސްޕޭނުގެ ސްކޮޑްގައި ނުހިމެނީ މި ދެ ކުޅުންތެރިންގެ ކުޅުމާއި އަނިޔާގެ މައްސަލަތަކާ ހުރެ އެވެ.
އެންމެ ފަހުގެ ޔޫރޯ ކާމިޔާބު ކުރި ސްޕޭން ޓީމުގައި ކުޅުނު އުމުރުން މިހާރު 34 އަހަރުގެ ރެއާލް މެޑްރިޑުގެ ކެޕްޓަން ކަވަހާލް އަށް ވަނީ މި ސީޒަނުގައި އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ހުރިހާ މުބާރާތެއްގައި އޭނާ ކުޅެފައިވަނީ އެންމެ 20 މެޗެވެ. ރެއާލްގެ ފުރަތަމަ 11ގައި ފެށީ އެންމެ ތިން މެޗެވެ. އޭނާ ވަނީ ސްޕޭނަށް 52 ކުޅެ އެއް ގޯލު ޖަހައިދީފަ އެވެ.
އެންމެ ފަހުގެ ޔޫރޯ ސްޕޭނަށް ކާމިޔާބު ކޮށްދިން ކެޕްޓަން މޮރާޓާ އަށް އިޓަލީގެ ކޯމޯގައި މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. ޖުމުލަ 28 މެޗު ކުޅެދީގެން އޭނާ އަށް ޖެހުނީ އެންމެ ގޯލެކެވެ. މިހާރު 33 އަހަރުގެ މޮރާޓާ ވަނީ ސްޕޭނުގެ ގައުމީ ޓީމަށް 87 މެޗުން 37 ގޯލު ޖަހައިދީފަ އެވެ.
"މި ނިންމުމަކީ ހަމަ ހުރެފައި ނިންމި ނިންމުމެއް ނޫން. އަހަރެން އެތައް ދުވަހެއް ވެއްޖެ ކުޅުންތެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަތަން. ކުލަބުގައި ދެއްކި ކުޅުމާއި ކުޅުންތެރިންގެ ފިޓްނަސް އަށް ބަލާފައި މިކަން ނިންމީ،" ކޯޗު ލުއިސް ޑެލަފުއެންޓޭ ބުންޏެވެ.
އިޓަލީގެ ރޯމާ އަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް ޕައުލޯ ދީބާލާ އަކީ ގައުމީ ޓީމުގައި މިދިޔަ ހައެއްކަ އަހަރު ކުޅުންތެރިއެކެވެ. އޭނާ އަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގައި ފައިނަލްގައި ފްރާންސާ ދެކޮޅަށް ޕެނަލްޓީ ކާމިޔާބު ކުރި ކުޅުންތެރިއެކެވެ. އޭގެ ފަހުން ފައިނަލިސިމާ ކާމިޔާބު ކުރި ޓީމުގައި ވެސް އޭނާ ކުޅުނެވެ. އެކަމަކު މިދިޔަ އަހަރެއްހާ ދުވަހު ދީބާލާގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.