ކުރީގެ ދެ ވަޒީރުން ކަމުގައިވާ ޠާރިގް އިބްރާހިމް އާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމުގެ މައްސަލަ ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވާ ގޮތުން ޠާރިޤް އިބްރާހީމް އައްޔަން ކުރައްވަން ނިންމަވާފައިވަނީ އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ. ޠާރިގުވަނީ އަދުގެ ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރުގެ މަޤާމާއި ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަޤާމު އަދާކުރައްވާފައެވެ.
އަދުގެ ސަރުކާރުގައި ވަޒީރުކަން ކުރައްވާފައިވާ އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ދިވެހިރާއްޖޭން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ. އާދަމް ޝަރީފް މީގެ ކުރިން ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރުގެ މަޤާމުގައެވެ.
ޠާރިގުއާއި އާދަމް ޝަރީފް ވަޒީރުކަމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ދެ ބޭފުޅުން ވަޒީރުކަމުން އިސްތިއުފާ ދެއްވުމުން ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް ދެ ބޭފުޅުންވެސް ވަނީ އައްޔަން ކުރައްވާފައެވެ.