ޚަބަރު

ލިވަޕޫލް ބަލިކޮށް އެސްޓަން ވިލާ ޗެމްލިއަންސް ލީގަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން އެސްޓަން ވިލާ މޮޅުވެ ތާވަލުގެ ހަތަރުވަނަ މަގާމް ހޯދައިފި އެވެ.

މި މެޗުން އެސްޓަން ވިލާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 37 މެޗުން ޖުމްލަ 62 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. ލިވަޕޫލް އަށް 37 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ. އަދި މި ނަތީޖާ އާއިއެކު އެސްޓަން ވިލާ އަށް ވަނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފަ އެވެ.

އެސްޓަން ވިލާގެ ވިލާ ޕާކުގައި ސާޅީސް ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އެސްޓަން ވިލާ އިން ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް މޯގަން ރޮޖަރސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ލިވަޕޫލްގެ ވެންޑައިކް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިތާ ފަސް މިނިޓު ފަހުން އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އެސްޓަން ވިލާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އޮލީ ވޮޓްކިންސް އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށްޖޯން މެކްގިން ވަނީ އިތުރު ލަނޑެއް އެސްޓަން ވިލާއަށް ކާމިޔާބުކޮށްދީފައެވެ.

މި މެޗުގައި ލިވަޕޫލް އިން ދެވަނަ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައިވަނީ މެޗުގެ އިންޖަރީ ވަގުތުގައި ވެންޑައިކް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އާނޭ ސްލޮޓްގެ ލިވަޕޫލް މި މެޗުން ބަލިވެފައިވާއިރު އެ ޓީމަށް އަދި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފައެއް ނުވެއެވެ.

އެސްޓަން ވިލާ މި މެޗުން މޮޅުވެފައިވާއިރު އަންނަ ބުދަ ދުވަހުގެ ރޭ އެ ޓީމުން ނިކުންނާނީ 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މުބާރާތެއް ކާމިޔާބުކުރުމަށް ޔޫރޮޕާ ލީގުގެ ފައިނަލުގައި ޖަރުމަނުގެ ފްރެއިބަރގް އާއި ދެކޮޅަށެވެ.