ޚަބަރު

ބާޒާރުގައި ވިއްކާ ތެލުގެ ސްޓޮކު ހަލުވި މިނުގައި ހުސްވަނީ


ބާޒާރުގައި ވިއްކާ ތެލުގެ ސްޓޮކު ހަލުވި މިނެއްގައި ހުސްވަމުންދާ ކަމަށް ބައިނަލްއަޤްވާމީ ހަކަތައާބެހޭ އިދާރާ، އައިއީއޭގެ އިސްވެރިޔާ، ފާތިހް ބިރޯލް ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އިސްވެ އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާއެކު އީރާނުން ވަނީ ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނު
ންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ދަތިކޮށްފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

ބިރޯލް ވިދާޅުވީ ރައްކާކޮށްފައިވާ ތެލުގެ ޚާއްޞަ ރިޒާވް ސްޓޮކަކުން ތެޔޮ ދޫކުރުމުން ބާޒާރުގައި ލިބެންހުރި ތެލުގެ ޢަދަދު، ދުވާލެއްގެ މައްޗަށް 2.5 މިލިޔަން ފީފާގެ މިންވަރުން އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މި ފަދަ ރިޒާވްތައް ވެސް ވަކި ހިސާބަކުން ހުސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުތުރު ހެމިސްފިޔަރގައި ބަހާރު މޫސުމުގައި ގަސް އިންދާ ދަނޑު ހެއްދުމުގެ މޫސުން ފެށޭއިރު، އަދި ހޫނު މޫސުމުގައި ދަތުރުފަތުރުކުރުން އިތުރުވެގެންދާއިރު، ޑީސެލްއަށާއި ގަސްކާނާއަށާއި ޖެޓް ފިއުލްގެ އިތުރުން ގެސޮލިންއަށް އޮންނަ ޑިމާންޑު އިތުރުވެގެންދާނެ ކަމަށް ބިރޯލް ފާހަގަކުރެއްވިއެވެ. އެއާއެކު އެ ތަކެތީގެ ސްޓޮކް ހުރި މިންވަރު ވަރަށް ހަލުވިކަމާއެކު އަޑިއަޅައިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިރޯލް އިތުރަށް ވިދާޅުވީ ހަނގުރާމަ ފެށުމުގެ ކުރިން ބޭނުންވާ ވަރަށްވުރެ އެތައް ގުނައެއް އިތުރަށް ބާޒާރުގައި ތެޔޮ ލިބެން ހުރި ކަމަށެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ޙާލަތު މިހާރު ބަދަލުވެފައިވާ ކަމަށް އޭނާ ފާޙަގަކުރެއްވިއެވެ. ބާޒާރުގައި ވިއްކާ ތެލުގެ ސްޓޮކް އަދި ހަފްތާތަކަކަށް ހުސްނުވެ ހިފަހައްޓައިލެވުނަސް، ހަލުވިކަމާއެކު ސްޓޮކް ދަށަށް ދަމުންދާ ކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އައިއީއޭއިން ވަނީ މި އަހަރަށް ބޭނުންވާ ތެލުގެ މިންވަރަށް ވުރެ ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބެން ހުންނާނެ މިންވަރު މަދުވާނެ ކަމަށް ބުނެފައެވެ. ހަނގުރާމައިގެ ކުރިން އެ އިދާރާއިން ވަނީ މި އަހަރު ބާޒާރުގައި ތެޔޮ ތިޔާގި ވާނެ ކަމަށް ލަފާކޮށްފައެވެ.

މިދިޔަ މާރިޗު އަދި އޭޕްރިލް މަހުގެ ތެރޭގައި ދުނިޔޭގައި ތެޔޮ ލިބެންހުރި ނިސްބަތް ވަނީ މީގެ ކުރިން ދަށް ނިވާ މިންވަރަށް ދަށަށް ގޮސްފައެވެ. އެންމެ ފަހުން އައިއީއޭއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ތެޔޮ ލިބެންހުރި މިންވަރު މިހާރު ވަނީ 246 މިލިޔަން ފީފާއިން ދަށަށް ގޮސްފައެވެ.

މާރިޗު މަހުގެ ތެރޭގައި، ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމުގެ ގޮތުން ޚާއްޞަ އިސްތިރާޖީ ރިޒާވެއްގައި ހުރި ތެލުގެ 400 މިލިޔަން ފީފާ ދޫކުރުމަށް 32 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ އައިއީއޭއިން ވަނީ އެއްބަސްވެފައެެވެ. އެގޮތުން މެއި މަހުގެ 8ވަނަ ދުވަހާ ހަމައަށް 164 މިލިޔަން ފީފާ ދޫކޮށްފައިވެއެވެ.

ހިނގަމުންދާ 2026ވަަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ތެލުގެ ސަޕްލައި ދުވާލަކު 3،9 ފީފާގެ މަގުން މަދުވާނެ ކަމަށް އައިއީއޭއިން ވަނީ ބުނެފައެވެ.