ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ، ރާއްޖޭގެ ފަތުރުވެރިކަމާއި އަދި ވިޔަފާރީގެ ދާއިރާއަށް ކުރިއެރުން ލިބިގެންދާނެ ކަމެއްކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މޯލްޑިވިއަނުން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ފެށި ދަތުރުތަކަކީ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށި ފަހަރެވެ. ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އަދި އޭވިއޭޝަން ދާއިރާއަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް މި ވަގުތު ގޮންޖެހުންތަކެއް ދިމާވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. އޮސްޓްރޭލިއާއިން މި ފެށި ސީދާ ދަތުރުތަކާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އެހީތެރިވެދޭނެ ކަމަށާއި، ސަރުކާރުން އިތުރު މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ދުވަސްވަރަކީ، ރާއްޖޭގެ ޓުއަރިސްޓް މާކެޓުގައި އޮސްޓްރޭލިއާ އެންމެ ޓޮޕް މާކެޓުތަކުގެ ތެރޭގައި ހިމެނޭ ވަގުތައް ވެފައި މިފަދަ ޑައިރެކްޓް ރޫޓެއް ފެށިގެން ދިޔައީމަ އޮސްޓްރޭލިއާގެ މާކެޓު ރާއްޖެއަށް އިތުރުވެގެންދާނެ. މިއީ، ހަމަ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. އަދި ޑައިރެކްޓް ފްލައިޓެއް އޮސްޓްރޭލިއާއި މާލެއާ ދޭތެރެ އޮޕަރޭޓް ކުރުމަކީ، ޓުއަރިޒަމް އިންޑަސްޓްރީއަށް އަދި ޖުމްލަ ގޮތެއްގައި ކުދި ވިޔަފާރިތަކަށާއި، ދެ ޤައުމުގެ ގުޅުމަށްވެސް ލިބިގެންދިޔަ ފައިދާއެއް." ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއިއެކު މޯލްޑިވިއަންގެ ފްލީޓަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުމަކީ، ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ. މޯލްޑިވިއަނުން މެލްބާންއިން ރާއްޖެއަށް އައި ފްލައިޓް އޮޕަރޭޓް ކޮށްފައިވަނީ، ސީދާ ދިވެހި ކްރޫއިންނެވެ.