ޚަބަރު

ޕީއެސްއެމްއިން ހިލޭ ވޯލްޑްކަޕް ދެއްކުމަކީ ބޮޑު ހަދިޔާއެއް: ޠާރިޤު


  • ދިވެހިންނަށް ހިލޭ، ވޯލްޑް ކަޕްގެ މެޗުތައް ބަލާލެވޭނެ

  • ބޮޑެތި ބައެއް ގައުމުތަކުގެ ރައްޔިތުންނަށް މި ފުރުސަތު އަދި ނުލިބޭ

ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ޙާލަތާއެކު ވެސް، ދިވެހި ރައްޔިތުންނަށް ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުން އެއީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ދިން ހަދިޔާއެއްގެ ގޮތުގައި ސިފަކޮށް، އެކަމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް ޝުކުރު ދަންނަވައިފިއެވެ.

ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގެ ރައްޔިތުންނަށް ވެސް ވޯލްޑް ކަޕްގެ މެޗުތައް ނުފެނުމުގެ ބިރު އޮތް ދަނޑިވަޅެއްގައި، ޕީއެސްއެމް އިން ވަނީ ދިވެހިންނަށް، ވޯލްޑް ކަޕްގެ މެޗުތައް "މުޅިން ހިލޭ" ބެލޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި މީޑިއާނެޓާއި ޕީއެސްއެމް ގުޅިގެން ކުރި މަސައްކަތުން، މެޗުތައް ބެލުމަށް އިތުރު އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

އިންޑިއާ އަދި ޗައިނާ ފަދަ ބައެއް ގައުމުތަކުގެ ރައްޔިތުންނަށް، މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ނެތުމުގެ ސަބަބުން އެ ގައުމުތަކުގެ ރައްޔިތުންނަށް މުބާރާތުގެ މެޗުތައް ބެލުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ.

ކަން މިހެން އޮއްވައި ޕީއެސްއެމް އިން ދިވެހިންނަށް ދިން މި ހަދިޔާއާ ގުޅޭގޮތުން، ފީފާ ވޯލްޑް ކަޕް 2026 ގެ ޕީއެސްއެމްގެ ކަވަރޭޖް ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޠާރިޤް ވަނީ، ހަތަރު އަހަރުން އެއް އަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާ ފުޓުބޯޅައިގެ މި އީދު ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމް އިން މުހިންމު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

ދުނިޔޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕް މި އަހަރު ބާއްވާއިރު، މުބާރާތުގައި ކުޅޭ 104 މެޗު ވެސް ޕީއެސްއެމް އިން ލައިވްކޮށް ދިވެހިންނާ ހަމައަށް ގެނެސްދޭކަމަށްޓަކައި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި ޠާރިޤް ވަނީ ޕީއެސްއެމްއަށާއި ދިވެހި ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

ރާއްޖޭގެ ވެސް އަދި މުޅި ދުނިޔެ ވެސް މިވަގުތު އޮތީ ބޮޑެތި ޚަރަދުތަކެއް ކުރެވޭ ފަދަ އިޤްތިޞާދީ ޙާލަތެއްގައި ނޫން ނަމަވެސް، ދިވެހިންނަށްޓަކައި، ޙާއްސަކޮށް ދިވެހި ޒުވާނުންނަށްޓަކައި ޚަރަދުތަކެއް ކޮށްގެން ޕީއެސްއެމް އިން ވޯލްޑް ކަޕް ދައްކާތީ އެކަން ފާޙަގަކުރައްވައި، ޕީއެސްއެމްއާއި ދިވެހި ސަރުކާރަށް ޠާރިޤް ޝުކުރު އަދާކުރެއްވިއެވެ.

"ރާއްޖޭގެ ޙާލަތު މިވަގުތު އޮތީ، އަދި ދުނިޔޭގެ ހާލަތު ވެސް މިވަގުތު އޮތީ ބޮޑެތި ޚަރަދުތަކެއް ކުރެވޭ ޙާލަތެއްގައެއް ނޫން. ނަމަވެސް މިފަދަ ވަގުތެއްގައިވެސް ޙާއްސަކޮށް ޒުވާނުންނާއި ދިވެހި ރައްޔިތުން ބޭނުންވާ ކަންތައްތައް، އޭގެތެރޭގައި ފުޓުބޯޅަ، ވޯލްޑް ކަޕް ދެއްކުމަށްޓަކައި ޚަރަދުކޮށް ޕީއެސްއެމްގެ ފަރާތުން މީގެ ރައިޓްސް ހޯދާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވޯލްޑްކަޕްގެ ހުރިހާ މެޗެއް ވަގުތުން ބެލޭނެ ގޮތް، ޕީއެސްއެމްގެ ޓީވީއެމްއާއި ޔެސްޓީވީން ގެނެސްދިނުމަކީ އަޅުގަނޑު ފުޓުބޯޅައިގެ މީހެއްގެ ހައިސިއްޔަތުން ޝުކުރުވެރިވާނެކަމެއް. މިކަމަށްޓައި ޕީއެސްއެމްއާއި މި ސަރުކާރަށް ފުޓުބޯޅަ އެސޯސިއޭޝަންގެ ފަރާތުން ޝުކުރު ދަންނަވަން". ތާރިޤް ވިދާޅުވިއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ފުރިހަމަ ކަވަރޭޖެއް ގެނެސްދިނުމަށްޓަކައި ޕީއެސްއެމްގެ ޓީމުން ވަނީ ދުރާލާ މަސައްކަތް ފަށައި، ބެލުންތެރިން ޝައުގުވެރިވާނެ ގޮތަކަށް މުޅި މުބާރާތުގެ ކަވަރޭޖް ބައްޓަންކޮށްފައެވެ. އެގޮތުން މުބާރާތާ ގުޅުންހުރި އެކިއެކި ހަރަކާތްތަކާއި ތަފާތު ޕްރޮގްރާމްތައް މިފަހަރުގެ ކަވަރޭޖްގެ ތެރެއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.