ޚަބަރު

އެމްއައިބީގެ ހިއްސާއަކަށް 5.41ރ ބަހަން ފާސްކޮށްފި


  • 129 މިލިޔަން ރުފިޔާ ބެހުމަށް ވަނީ ހަަމަޖެހިފައި

  • މިދިޔަ އަހަރުގެ މާލީ ބަޔާންތައް ވަނީ ފާސްކޮށްފައި

މޯލްޑިވްސް އިސްލާމިކް ބެންކުން ހިއްސާއަކަށް 5.41 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. އެމްއައިބީން މިގޮތަށް ފާސްކޮށްފައިވަނީ އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

މޯލްޑިވްސް އިސްލާމިކް ބެންކް އެމްއައިބީގެ 16 ވަނަ އަހަރީ ޢާންމު ޖަލްސާ ބާއްވާފައިވަނީ އިއްޔެއެވެ. މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީން ތައްޔާރުކޮށްފައިވާ ފަހިވޯޓް ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި މި ޖަލްސާގައި 57 ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ބައިވެރިވެފައިވެއެވެ. އެއީ އެމްއައިބީގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަ ތަމްސީލުކުރާ މިންވަރެވެ.

މި ޖަލްސާގައި މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ފާސްކޮށްފައިވެއެވެ. މި ރިޕޯޓުތައް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 100 އިންސައްތަ އިއްތިފާގުންނެވެ.

މީގެ އިތުރުން، އެ ބެންކުގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ އަހަރަށް ކޮންމެ އާންމު ހިއްސާއަކަށް ހުށަހެޅި 5.41 ރުފިޔާ ޑިވިޑެންޑް ބެހުމަށް 99.99 އިންސައްތަ ވޯޓުން ވަނީ ފާސްކޮށްފައެވެ. އެމްއައިބީން ހިއްސާގެގޮތުގައި މިއަހަރު ބެހުމަށް ހަމަޖެހިފައިވަނީ މުޅި ޖުމްލަ 129،674،106.45 ދިވެހި ރުފިޔާއެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން މިއަހަރަށް ބެންކުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އާނެސްޓް އެންޑް ޔަންގ ޢައްޔަންކުރުން 99.95 އިންސައްތަ މީހުންގެ ތާޢީދާއެކު ވަނީ ފާސްކޮށްފައެވެ.

މިދިޔަ އަހަރު މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީގެ ޖުމްލަ އެސެޓް 1 ބިލިޔަން އެމެރިކާ ޑޮލަރުން މައްޗަށް އަރުވައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ވަނީ ހޯދާފައެވެ. މީއީ އެންމެ ފަނަރަ އަހަރު ކުރިން ރާއްޖެއަށް އިސްލާމިކް ބޭންކިން ތައާރަފުކުރި ވިޔަފާރިއެއްގެ ގޮތުގައި ދޮރު ހުޅުވި ބޭންކަކަށް ފައިސާއިން އަދަދުކުރެވޭ ވަރަށްވުރެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެބޭންކުން ފާހަގަކުރެއެވެ.