ޚަބަރު

ހަކަތައިގެ މަޝްރޫއުތަކާއެކު 330 މެގަވޮޓް އިތުރުވާނެ


  • 101 ރަށެއްގައި ޖުމްލަ 164 މެގަވޮޓްގެ ސޯލަރ ދަނީ ކުރެވެމުން

  • ފްލޯޓިން ސޯލަރ ޕީވީ މަސައްކަތް ދަނީ ކުރެވެމުން

ހަކަތައިގެ މަޝްރޫއުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ވިއުގައަށް 330 މެގަވޮޓް އިތުރުވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ހަކަތައިގެ ސިޔާސަތަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވާނެކަން އިއުލާންކުރައްވާފައެވެ. އެގޮތުން 2028ގެ ނިޔަލައް ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތަ 33 އިންސައްތައައަށް ބަދަލުކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި މާލެ ސިޓީއާއި ރާއްޖޭގެ އެކި ރަށްތަކުގައި އިއާދަކުރަނިވި ހަކަތައިގެ ތަފާތު މަޝްރޫޢުތައް ދަނީ ހިނގަމުންނެއެވެ.

ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަކަތައިގެ ގިނަ މަޝްރޫއުތަކެއް ދަނީ ކުރިއަށްކަމަށާއި އަދި މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާކަމަށެވެ. އަހުމަދު އަލީ ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި އަދި ރާވާފައިވާ މަޝްރޫއުތައް ނިމުމުން ޤައުމީ އިޔާދަ ކުރަނިވި ހަކަތައިގެ އަމާޒައް ވާސިލްވުމަށް އިތުރަށް ބޭނުންވާ 330 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ޤާއިމްކުރެވިގެންދާނެކަމަށެވެ.

"މި ދެންނެވި ހުރިހާ ޕްރޮޖެކްޓުތަކެއް ނިމުމުން އަޅުގަނޑުމެންނަށް އިތުރަށް 330 މެގަވޮޓް އިތުރުކުރެވޭނެ. އެއީ މިހާރު ހުރި 110 މެގަވޮޓް ޕްލަސް މި 330 މެގަވޮޓް އިންސްޓޯލް ކުރެވިގެން ދިޔާމާ އަޅުގަނޑުމެންނަށް އެ ހާސިލްކުރެވެނީ ބޭނުންވާ ޓާރގެޓް. އެއީ 2028 ވަނަ އަހަރު އަންނަން ވާއިރު ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އޮބްޖެކްޓިވް ހާސިލްވެގެންދާނެ" އަހުމަދު އަލީ ވިދާޅުވިއެވެ.

ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ އަތޮޅުތަކުގެ ރަށްތަކުގައި ކުރިއަށްދާ މަޝްރޫއުތަކަށް ބަލާއިރު 101 ރަށެއްގައި ޖުމްލަ 164 މެގަވޮޓްގެ ސޯލަރ ޕީވީ ހައި ބްރިޑް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރަމުންކަމަށެވެ. މިހާރު ކުރަމުންދާ މަސައްކަތުގެ ދަށުން ރަށްތަކުގެ ޑިސްޓްރިބިއުޝަންތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ބެޓްރީ އެނާރޖީ ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށެވެ. އެގޮތުން މިހާރުވެސް 158 މެގަރވޮޓްގެ ބެޓްރީ ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް އެކި ރަށްރަށުގައި ދަނީ ކުރަމުންކަމަށް ވިދާޅުވިއެވެ.

ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތަށް އިންވެސްޓުކޮށްގެން މަޝްރޫއުތައް ދަނީ ހިނގަމުންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މީގެ ތެރޭގައި ސަރުކާރުން އާންމުކޮށް އިއުލާނުކޮށްގެން ހިނގޭ މަޝްރޫއުތަކާއި ސްޕެޝިއަލް ޒޯން އިންވެސްޓްމަންޓު ގޮތުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރ އިނިޝިއޭޓެޑް ޕްރޮޕޯސަލްސް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅައިގެން ހިނގޭ މަޝްރޫއުތައް ހިމެނޭކަމަށެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުނަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށްދިނުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އިންވެސްޓްމެންޓުތަކެއް ވަނީ ކޮށްފައިކަމަށް ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ 2 އަހަރު ތެރޭގައި ޖުމްލަ 115 މެގަވޮޓްގެ ކެޕޭސިޓީ ހިމެނޭ 157 ޖަނަރޭޓަރ އެކި ރަށްރަށުގައި ވަނީ ބަހައްޓާފައިކަމަށާއި އަދި ރަށްރަށުގެ ތަރައްޤީއާއެކު އިތުރުވަމުންދާ ޑިމާންޑަށް ކޭޓަރ ކުރުމަށްޓަކައި 06 ރަށެއްގައި އައު އިންޖީނުގެ ވަނީ އިމާރާތްކޮށްފައިކަމަށް ވިދާޅުވިއެވެ.

އަޙްމަދު ޢަލީ ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ތެރެއިން 100 މެގަވޮޓްގެ ފްލޯޓިން ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް އެގްރިމަންޓު ކުރެވިގެން ޕަވަރ ޕަރޗޭސިންގ އެގްރީމަންޓު ފައިނަލް ކުރުމަށް ކަމާއި ބެހޭ ސްޓޭކްހޯލަޑަރުންނާއެކު ދަނީ މަސައްކަތް ކުރެވެމުންކަމަށެވެ. މީގެ އިތުރުން އިތުރު 150 އިޔާދަކުރަނިވި ހަކަތަ ޤައިމްކޮށްދޭނެ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށާއި އެމްއޯޔޫގައި ސޮއިކޮށް، އިތުރަށް ހަދަންޖެހޭ ދިރާސާތައް މާލީ ވުޒާރާއާ ގުޅިގެން ހަދަމުންދާކަމަށް ވިދާޅުވިއެވެ.

18 ރަށެއްގައި 40 މެގަވޮޓް އަވަރގެ ބެޓްރީ އެނާރޖީ ސިސްޓަމްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު 26 ރަށެއްގައި ޖުމްލަ 6.5 މެގަވޮޓް ސޯލަރ ޕީވީ ހައިބްރިޑް ސިސްޓަމް ޤާއިންކުރުމައި 23 ރަށެއްގައި ޖުމްލަ 5.88 މެގަވޮޓްގެ ސޯލަރ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމްތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ. އަދި 13 ރަށެއްގައި ޖުމްލަ 15 މެގަވޮޓްގެ ސޯލަރ ޕިވީ ޑީސަލް ހައިބްރިޑް ސިސްޓަމްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.