މިދިޔަ ހަފުތާގެ ތެރޭގައި ހިމަބިހި ނުވަތަ މީސްލްސްގެ އިތުރު 5 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ހިމަބިއްސަކީ، ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެ ބަލި ފާހަގަވެފައިވަނީ ކޯވިޑާއި އެބޯލާ، ޓީބީއާއި ފުލޫފަދަ ބަލިތަކަށްވުރެވެސް ހަލުވިކޮށް ފެތުރޭ ބައްޔެއްގެ ގޮތުގައެވެ. މިދުވަސްވަރަކީ، ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވެސް ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާ ދުވަސްވަރެއްކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
އެޗްޕީއޭއިން ވިދާޅުވީ، މިދިޔަ ހަފުތާގެ ތެރޭގައި ހިމަބިހީގެ އިތުރު 5 ކޭސް ފެނިފައިވާ ކަމަށެވެ. މި ކޭސްތަކުގެ އިތުރުން މިދިޔަ ހަފުތާގެ 13ވަނަ ދުވަހުވެސް 2 މީހުންވަނީ، ހިމަބިއްސަށް ޕޮސިޓިވްވެފައެވެ. މިއާއެކު އަހަރުގެ މިހާތަނަށް ހިމަބިހީގެ 7 ކޭސް ވަނީ ފެނިފައެވެ. މި ކޭސްތަކުގައި 74އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތައް ފެނުމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން އާންމުކޮށް އަމަލުކުރާ އުސޫލުން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި، ބައްޔަށް ޕޮޒިޓިވްވީ މީހުންނާއި ދިމާވި ކޮންޓެކްޓުންނަށް ވެކްސިންދިނުން މިހާރު ކުރިއަށްދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ، ހުން އައުމާއެކު ހަމުގައި ރަތްބިހިތަކެއް ނެގުމެވެ. މީގެއިތުރުން ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތްތައްވެސް ފެނުން އެކަށީގެންވެއެވެ. އެހެންކަމުން އެއްވެސް ފަރާތަކުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހިމަބިހިން ރައްކާތެރިވުމަށް 1983 ވަނަ އަހަރުން ފެށިގެން ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެންވަނީ، ވެކްސިންދޭން ފަށާފައެވެ. މިމަސައްކަތުގެ ދަށުން 2017 ވަނަ އަހަރު ރާއްޖެއަކީ، ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ހިމަބިހީގެ ކޭސްތަކެއް ފެނިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރް ވެކްސިންގެ ކެމްޕޭނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.